މީހަކު ނެތް ބޭރުގެ މަސްބޯޓެއް އިހަވަންދޫ މަސްވެރިންތަކަކަށް ފެނިއްޖެ

ޢަބުދުﷲ ޙަމީދު

އެއްވެސް މީހަކު ނެތް ބޭރުގެ މަސްބޯޓެއް އިހަވަންދޫގެ މަސްވެރިންތަކަކަށް ފެނިއްޖެ އެވެ.

އިހަވަންދޫ “ގޮމަ” ދޯނިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އޮޔާދަނިކޮށް ފެނުނު މިބޯޓު ފެނުނީ ހއ. އަތޮޅޮގެ ހުޅަނގު އުތުރުން ފަރުކޮޅު ބޮޔާ ދިމާއިން  80 މޭލު ބޭރުން ކަމަށެވެ. އަދި ބޯޓު ފެނުނުއިރު ބޯޓު އޮތީ ބަންޑުން ޖަހާލާފައި ކަމަށާއި، ބޯޓު ތެދުކުރީ ދޯނީގައި ކަފުޖަހައިގެން އިހަވަންދޫގެ ރަށްބޭރަށް ގެނެސް ކަމަށެވެ.

މިދިޔަ ބުދު ދުވަހު ކަނޑުމަތިން ފެނުނު މިވަގުތު އޮތީ އިހަވަންދޫ ފަޅުގައެވެ. މަސްބޯޓުގެ ކަނާތް ފަރާތުން ފަހަތްކޮޅުން ނާއި މަތީ ގެގަނޑުން ގެއްލުންތަކެއް ވެފައި އޮތް މިބޯޓު ފެނުނު އިރު، އިންޑިއާ އާއި ސްރީ ލަންކާ އަށް އެރި ތޫފާން “އޮކްޝީ” ގައި ގެއްލުނު އިންޑިއާގެ މަސްވެރިންނާއި މަސްބޯޓުތައް ހޯދުމަށް، އިންޑިއާ ކަނޑުގެ ސިފައިން ރާއްޖެ ސަރަހައްދުގައި މިވަގުތު ދަނީ ހަރަކާތްތެރި ވަމުންނެވެ.

ތޫފާން “އޮކްޝީ” ގައި އިންޑިއާ އާއި ލަންކާގެ 67 މަސް ބޯޓެއް ގެއްލިފައި ވާކަމަށް ރިޕޯރޓު ކޮށްފައި ވާއިރު، ކެރެލާ އާއި މަލިކު ހިމެނޭ ސަރަހައްދުން ހާލުގައި ޖެހުނު 531 މަސްވެރިން ސަލާމަތްކޮށްފައިވާ ކަމަށް ކެރެލާގެ ކަމާ ބެހޭ އިދާރާތްތަކުން ބުނެފައި ވެ އެވެ.

މި ތޫފާނުގެ އަސަރު ރާއްޖެއަށް ވެސް ކުރި އެވެ. އެގޮތުން ރާއްޖެއަށް ގަދައަށް ވިއްސާރަކޮށް 57 ރަށަކަށް ވަނީ ގެއްލުން ލިބިފަ އެވެ.