މިހިނގާ 2017 ވަނައަހަރުގެ ބަޖެޓްގައި އިހަވަންދޫގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށް ފަންސާސް ނުވަމިލިއަން ރުފިޔާގެ ތެރެއިން 15.57 މިލިއަން ރުފިޔާއިން އަހަރު ނިމޭއިރު އެއްވެސް މަސައްކަތެއް ކުރަން ފަށާފައި ނުވެ، އެ މަސައްކަތްތައް ކުރާނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.
2017 ވަނައަހަރުގެ ބަޖެޓުގައި، އިހަވަންދޫގައި އަލަށް ފެށުމަށް ހަމަޖައްސާފައިވާ ދެ މަޝްރޫއުއެއް ހިމަނާފައިވެއެވެ. އެދެމަޝްރޫއަކީ އިހަވަންދޫ ބަދަރު ހެދުމާއި މިސްކިތެއް އިމާރާތްކުރުމެވެ. ބަނދަރު ހެދުމަށް 13.5 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާއިރު މިސްކިތް އިމާރާތްކުރުމަށް ބަޖެޓް ކޮށްފައިވަނީ 2.07 މިލިއަން ރުފިޔާއެވެ.
މިނޫހުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު ވިދާޅުވީ، ބަޖެޓު ކުރެވިފައިވާ 2.07 މިލިއަން ރުފިޔާއިން ވާހަކަ ދެކެވިފައި ވަނީ އިހަވަންދޫގައި އައު މިސްކިތެއް އެޅުމަށް ކަމަށެވެ. ކުރީގެ ކައުންސިލުން މިނިސްޓްރީ އަށް އެކަމާ ގުޅޭގޮތުން ސިޓީ ފޮނުވާފަ ވީނަމަވެސް މިނިސްޓްރީން ޖަވާބެއް ދެއްވާފައި ނުވާކަމަށެވެ. އަދި މި ކައުންސިލުން ވެސް އެކަމާ ގުޅޭ ގޮތުން ފޮނުވި ސިޓީ އަށްވެސް މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.
ބަނދަރު ހެދުމަށް 13.5 މިލިއަން ރުފިޔާ ކަނޑައަޅާފައި ވާއިރު، ނިމިދިޔަ ކައުންސިލަށް އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް މިނިސްޓްރީން ލިބިފައި ނުވާކަން ފާހަގަ ކުރައްވަމުން މުޙައްމަދު ރަޝީދު ވިދާޅުވީ އޭގެ ކުރީގެ ކައުންސިލަށް ބަނދަރުގެ މަރާމާތުގެ ކަންތައްތަކެއް ފޮނުވާފައި ވާކަމަށެވެ. އެއީ، ބަނދަރުގެ ވަށައިގެން ގާ ޖެހުމާ، ފަޅުތެރެއަށް ފައްތަންޖެހޭ ބަރުތައް ފެއްތުމާ، މޫސުމީ ބަދަލާއެކު ފަޅުތެރެއަށް ވަދެ ނުކުންނަ ވެލިގަނޑު ހިފެހެއްޓުމަށްޓަކައި އިތުރު ރިވެޓުމަންޓްތަކެއް ޖެހުން ފަދަ ކަންތައްތަކެވެ. އެހެންކަމުން މިކައުންސިލުން މިއަހަރުގެ އޯގަސްޓު މަހު 21 ގައި އެކަންކަން ފާހަގަ ކުރައްވާ މިނިސްޓްރީ އަށް ދެންނެވި ނަމަވެސް އެކަމަށް ޖަވާބެއް ލިބިފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ. އެކަންތައްތަކުގެ އިތުރުންވެސް ބަނދަރުގެ ލައިޓުތައް މަރާމާތު ކުރުމާއި ބަނދަރުގެ ތިލަ ހިސާބުތައް ފުންކުރުންފަދަ ކަންތައްތަކަށް އެދިލައްވާފައި ވާނެ ކަމަށް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.
މިމަސައްކަތްތަށް މިއަހަރު ފަށާނެ ކަމުގެ މާ ބޮޑު އުއްމީދެއް މިހާރު ނެތްކަމަށް ވިދާޅުވެ، ރައީސް ފާހަގަ ކުރެއްވީ މިވަގުތައް އޮތް އުއްމީދަކީ މަސްވެރިންގެ ދުވަހަށްޓަކައި ކައުންސިލުން އެންމެ ބޮޑަށް އެދިގެން އުޅެނީ ބަނދަރުގެ ކަންތައްތައް ކަމަށްވާތީ ބަނދަރުގެ ތިލަ ސަރަހައްދުތައް ފުންކުރުމާއި ފައްތަން ޖެހޭ ބަރުތައް ފެއްތުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އޮތް އުއްމީދު ކަމުގައެވެ.
2018 ވަނަ އަހަރަށް ކަނޑައަޅާ، ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ ބަޖެޓުގައިވެސް މި ދެ މަޝްރޫއަށް ބަޖެޓު ކޮށްފައި ނެތްކަން ފާހަގަ ކުރެވެއެވެ.