އެމްއެންޑީއެފް ސައިލެންޓް ޑްރިލްގެ ހަރަކާތްތައް އިހަވަންދޫގައި އަންނަ އަންގާރަ ދުވަހު

ޢަބުދުﷲ ޙަމީދު

ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ އެމްއެންޑީއެފް ސައިލެންޓް ޑްރިލްގެ ހަރަކާތްތައް އުތުރުގެ ބައެއް ރަށްރަށުގައި ބާއްވަމުންދާއިރު، ޑްރިލްގެ ހަރަކާތްތައް އިހަވަންދޫގައި އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

އެމްއެންޑީއެފް ސައިލެންޓް ޑްރިލްގެ ހަރަކާތްތައް ބަލާލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާއިރު، މިއަދު ވަނީ ހއ. ދިއްދޫ އަދި އުތީމުގައި ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.

މި މަހު 20 ވަނަ ދުވަހު ހއ.ބާރަށު ބަނދަރު ސަރަޙައްދުގައި ބާއްވާގޮތަށް ހަމަޖެހިފައިވާއިރު މިމަހު 21 ވާ އަންގާރަ ދުވަހު ހއ.އިހަވަންދޫ ބަނދަރު ސަރަޙައްދުގައި މި ހަރަކާތްތައް ބާއްވާގޮތަށް ވަނީ ހަމަޖެހިފައިވެއެވެ. އަދި ހދ.ހަނިމާދޫ ބަނދަރު ސަރަޙައްދުގައި މިމަހު 22 ވާ ބުދަ ދުވަހު ސައިލެންޓް ޑްރިލްގެ ހަރަކާތްތައް ބާއްވާނެއެވެ. އަދި ހއ. ހޯރަފުށީގައި މިމަހުގެ 23 ވަނަ ދުވަހު، 24 ގައި ހއ. ކެލާ ގައި ބާއްވާއިރު މިމަހުގެ 25 ގައި ހދ. މަކުނުދޫގައި ޑުރިލް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެމް.އެން.ޑީ އެފް އިން ހާމަކޮށްފައިވާގޮތުގައި މި ހުރިހާ ރަށެއްގައިވެސް ސައިލެންޓް ޑްރިލްގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ 17:00 ގައެވެ.

އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ސައިލެންޓް ޑްރިލްގެ ހަރަކާތްތަކަކީ އަސްކަރީ ސިފަވަންތަކަމާއި، ސަފުތަކުގެ ބަދަހިކަމާއި އެކުގައި މަސައްކަތްކުރުމުގެ ރޫހު ދައްކުވައިދޭ ހެވިކަމެކެވެ. މިހެވިކަމުގައި ކޮމާންޑު ދިނުން ނުހިމެނޭ އިރު، ގެމައިގެ ހުރިހާ ހަރަކާތެއްވެސް ވަކި ސީކުއެންސަކަށް ކުރިއަށްދާއިރު ޝަހީދުންގެ ޒިކުރާ އާކުރުމުގެ ގޮތުން ސުކޫތެއް ގެނައުން ހިމެނިފައިވެއެވެ.