ޕާސްޕޯޓް ހެދުމަށް އެދި ހުށަހަޅާ ފޯމް އިހަވަންދޫ ކައުންސިލުން ބަލައިގަންނަން ފަށައިފި

މުޙައްމަދު އަކުރަމް

ޕާސްޕޯޓް ހެއްދުމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް ޕްރޮސެސްކުރުމުގެ ހިދުމަތް، އިހަވަންދޫ ކައުންސިލުން  ދޭންފަށައިފިއެވެ. މިހިނގާ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އިހަވަންދޫ ކައުންސިލުން ދޭންފެށި މިހިދުމަތް ލިބޭނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 12:30 އަށް ކަމަކަށް އިހަވަންދޫ ކައުންސިލުން މައުލޫމާތުދެއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ، އަލަށް ފެށުނު ޕާސްޕޯޓް ހެއްދުމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ޕްރޮސެސްކުރުމުގެ ހިދުމަތަށް އާންމުންގެ ވަރަށްބޮޑު ތަރުހީބެއް ލިބުމުން އަންނަ ކަމުގައެވެ. އެބޭފުޅާ ވިދާޅުވީ މުވައްޒަފުންގެ ދަތިކަމާއި އަދި މިކަމަށް މުއައްޒަފުންވެސް އަހުލުވެރިވާން ވަގުތުނަގާނެތީ މިދުވަސްކޮޅު، ހިދުމަތް ލިބުމުގައި ބައެއްކަހަލަ ދަތިތައް ކުރިމަތުވެދާނެކަމުގައެވެ. ނަމަވެސް އެދަތިތައް ހައްލުކުރުމުގެ މަސައްކަތް ކުރައްވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މިހިދުމަތުގެ ދަށުން އިހަވަންދޫ ކައުންސިލުން، ޕާސްޕޯޓް ހެއްދުމަށްއެދޭ ފޯމް އަދި ފައިސާ ބަލައިގަންނައިރު، ޕާސްޕޯޓް ތައްޔާރުވުމުން ރާއްޖޭގައި ޕާސްޕޯޓް ދޫކުރުމަށް ކަނޑައަޅާފައިވާ 3 މަރުކަޒުންކުރެ މަރުކަޒަކުން ޕާސްޕޯޓް ނެގެއެވެ. އެ ތިން މަރުކަޒަކީ ހދ. ކުޅުދުއްފުށި، މާލެ އަދި ސ. ހިތަދޫއެވެ. އިހަވަންދޫ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި، ޕާސްޕޯޓް ހެދުމަށްއެދި ހުށަހަޅާތާ 5 ދުވަހުގެ ތެރޭގައި ޕާސްޕޯޓް ތައްޔާރުވާނެކަމަށާއި، 18 އަހަރުން މަތީގެ ފަރާތަކުން ޕާސްޕޯޓް ނެގުމަށް ޕާސްޕޯޓް ދޫކުރާ މަރުކަޒަށް ދާންޖެހޭއިރު 18 އަހަރުން ދަށުގެ ކުދިންގެ ޕާސްޕޯޓް ނެގުމަށް ދާންޖެހޭނީ ބެލެނިވެރިއެއްކަމުގައެވެ. އަދި މީގެ އިތުރުން ޕާސްޕޯޓް ނަގަން ދިއުމަށް ނުކުޅަދޭފަދަ ބަލިމީހުންގެ ޕާސްޕޯޓް ނެގުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ކައުންސިލުންދޭ ސިޓީއެއް ގެންދަންޖެހޭނެކަމަށް އިހަވަންދޫ ކައުންސިލުން މައުލޫމާތުދެއެވެ.