މުހައްމާކަޕް އިމަގު ވޮލީބޯޅަ މުބާރާތުގައި ބައިވެރިވީ ހަތަރު ޓީމް

ޢަބުދުﷲ ޙަމީދު

އިހަވަންދޫ ދާއިރާގެ އިތްޒަތްތެރި މެމްބަރ އަލްފާޟިލް މުޙައްމަދު ޢަބުދުﷲ އާއި ގުޅިގެން އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު ޖަމިއްޔާ އިން ) ބާއްވާ މުހައްމާ ކަޕް  އިމަގު ވޮލީމުބާރާތުގައި ހަތަރު ޓީމް ބައިވެރިވެއްޖެއެވެ. މިމަހުގެ 10 ވަނަދުވަހާއި ހަމަޔަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލި މިމުބާރާތުގައި ބައިވެރިވެފައިވަނީ ކުޅިމަގު، ޖޭއޭ މަނަފަރ ހޯރަފުށީ ޔޫތު ޑިވޮލޮޕްމަންޓް ސޮސައިޓީ (ހައިޑްސް) އަދި ކުޅިމަގު ޕްލަސްއެވެ.

މިމުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކުގެ ތެރެއިން ކުޅިމަގު ޓީމަކީ މިދިޔަ އަހަރުގެ މިމުބާރާތުގެ ޗެމްޕިއަން ޓީމެވެ. އަދި ހޯރަފުށީ ހައިޑްސް އަކީ މިދިޔަ އަހަރުގެ މުބާރާތުގެ ރަނަރަޕް ޓީމެވެ. ޖޭއޭ މަނަފަރު މިދިޔަ އަހަރުމުބާރާތުގައި ކުޅުނުއިރު ކުޅިމަގު ޕްލަސްއަކީ މިމުބާރާތުގައި އަލަށް ވާދަކުރާޓިމެކެވެ. މިދިޔަ އަހަރު މުބާރާތުގައި ބައިވެރިވި އޭއެސްޕީ އަދި ވިނަރ ބޯއީ މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައެއްނުވެއެވެ.

ޗެމްޕިއަން ޓީމަށް 20000 އަދި ރަނައަޕް ޓީމަށް 8000 ރުފިޔާގެ ފައިސާގެ އިނާމު ހުށައަޅާފައިވާ މިމުބާރާތަކީ ހއ. އިހަވަންދޫގެ ވޮލީ ކުޅޭ ހުރިހައި ފިރިހެން ވޮލީ ޓީމު ތަކަށާއި، ހއ. އަތޮޅުގެ ކުލަބު ޖަމިއްޔާ ތަކަށާއި ކައުންސިލް އިދާރާތަކާއި ހއ. އަތޮޅުގެ ރިސޯޓުތަކަށް ހުޅުވައިލެވިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.