ހއ އިހަވަންދޫ އިޖްތިމާއީ ސަރަހައްދު ކުނިކެހުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިނުވާ ފަރާތެއްނަމަވެސް، އެފަރާތާއި އެމަސައްކަތް ހަވާލުކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ލަފަޔާއިއެކު ކަމަށްވާތީ އެކަމުގައި ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަނުގެ ޢަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިފައި ނުވާކަމަށް އޭސީސީ އިން ނިންމައިފިއެވެ. އޭސީސީން މިކަން ހާމަކޮށްފައިވަނީ، އެކޮމިޝަނުން އާނމުކޮށްފައިވާ މިމައްސަލަ ނިންމިގޮތުގެ ރިޕޯޓްގައެވެ.
އޭސީސީން އާންމުކޮށްފައިވާ މިމައްސަލަ ނިންމިގޮތުގެ ރިޕޯޓްގައި ވާގޮތުން، މިމައްސަލަ ހުށަހަޅާފައިވަނީ އިހަވަންދޫ ކައުންސިލް އިދާރާއިން މިއަހަރުގެ މާޗްމަހު، އިހަވަންދޫ އިޖްތިމާއީ ސަރަހައްދު ކުނިކަހައި ސާފުކޮށް ބަލަހައްޓާނެ ފަރާތެއްހޯދުމަށް އިއުލާންކުރުމުން، އެކަމަށް އަންދާސީ ހިސާބު ހުށަހެޅީ 4 ފަރާތަކުންކަމަށާއި، ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގައި ވާގޮތުން ރާއްޖޭގައި އެއްވެސް ވިޔަފާރިއެއް ހިންގޭނީ ވިޔަފާރި ތަނެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ކަމަށް ބަޔާންކޮށްފައިވާނަމަވެސް މިމަސައްކަތް ހަވާލުކޮށްފައިވަނީ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިނުވާ ފަރާތަކަށްކަމަށްބުނެއެވެ. މީގެ އިތުން އެމަސައްކަތް ހަވާލުކޮށްފައިވަނީ އިހަވަންދޫ ކައުންސިލްގެ އިސްމުވައްޒަފަކާ އާއިލީގުޅުން ހުރި ފަރާތަކާއި ކަމަށްވެސް އޭސީސީއަށް ހުށަހަޅާފައިވާ މައްސަލާގައި ފާހަގަކޮށްފައިވެއެވެ.
އޭސީސީން މިމައްސަލަ ނިންމާފައިވާގޮތުގެ ރިޕޯޓްގައި ވާގޮތުން، އިހަވަންދޫ ކައުންސިލްގެ އިއުލާނާގުޅިގެން ބިޑް ކާމިޔާބުކޮށްފައިވަނީ ފަރުދީ ވިޔަފާރިކުރާ ފަރާތަކަށްނުވާތީ، އެފަރާތާއި މަސައްކަތް ހަވާލުކުރުމަށް ފެންނަގޮތެއް އަންގައިދިނުމަށް އިހަވަންދޫ ކައުންސިލުން، އޭސީސީއަށް ލިއުމުން ހުށަހަޅާފައިވާކަމުގައެވެ. އަދި އެފަރާތާއި މައްސައްކަތް ހަވާލުކޮށްގެން ކުރިޔަށްގެންދިއުމަށް ފެންނަކަމަށް އޭސީސީން ކައުންސިލަށް ލަފާދީފައިވާކަމަށް ބުނެފައިވެއެވެ.
އިޖްތިމާއީ ސަރަހައްދު ކުނިކެހުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިނުވާ ފަރާތެއްނަމަވެސް، އެމަސައްކަތް އެފަރާތާއި ހަވާލުކޮށްފައިވަނީ އޭސީސީގެ ލަފާހޯދައި އެލަފަޔާ އެއްގޮތަށް ކަމަށްވާތީ އެމައްސަލައިގައި ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަނުގެ ޢަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިފައި ނުވާކަމަށް އޭސީސީއަށް ފެންނާތީ އެމައްސަލަޔަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް އޭސީސީން މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައިވެއެވެ.
އި މީގެ އިތުރުން ހއ އިހަވަންދޫ އިޖްތިމާއީ ސަރަހައްދު ކުނިކެހުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިނުވާފަރާތެއްކަން އޭސީސީގެ ތަހުޤީގުން އެނގޭތީ ކުރިޔަށް އޮތްތަނުގައި ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގައި ވާގޮތަށް ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން ނޫނީ ޙިދުމަތް ނުހޯދުމަށް އިހަވަންދޫ ކައުންސިލްގައި ދެންނެވުމަށްވެސް ނިންމާފައިވާކަމުގައެވެ.