2018 ވަނަ އަހަރުގެ ބަޖެޓްގައި އިހަވަންދޫއަށް އައު މަޝްރޫއެއްނެތް

މުޙައްމަދު އަކުރަމް

2018 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓްގައި، އިހަވަންދޫގައި ފުށުމަށް އަލަށް އެއްވެސް މަޝްރޫއުއެއް ބަޖެޓްކޮށްފައި ނުވާކަން ހާމަވެއްޖެއެވެ. 2018 ވަނައަހަރަށް ލަފާކުރާ ބަޖެޓްގައި އިހަވަންދޫގައި ހިންގުމަށް ބަޖެޓް ކޮށްފައިވަނީ 2 މަޝްރޫއެކެވެ. އެއީ މިހާރުވެސް ހިނގަމުންދާ އިހަވަންދޫ ސްކޫލް ގައި 12 ކްލާސްރޫމްގެ 3 ބުރި ޢިމާރާތެއް އެޅުމާއި އިހަވަންދޫގައި ސްޕޯޓްސް އެރީނާ ޤާއިމްކުރުމުގެ މަސައްކަތެވެ. އިހަވަންދޫ ސްކޫލް ގައި 12 ކްލާސްރޫމްގެ 3 ބުރި ޢިމާރާތެއް އެޅުމަށް 603،513ރ ބަޖެޓް ކޮށްފައިވާއިރު އިހަވަންދޫގައި ސްޕޯޓްސް އެރީނާ ޤާއިމްކުރުމުގެ މަސައްކަތަށް 219،765ރ ބަޖެޓް ކޮށްފައިވެއެވެ.

2017 ވަނައަހަރުގެ ބަޖެޓްގައި މިއަހަރު ފެށުމަށް ބަޖެޓް ކޮށްފައިވީނަމަވެސް، އަދިވެސް ނުވެށިވާ  ދެ މަޝްރޫއު ކަމަށްވާ އިހަވަންދޫ ބަދަރު ހެދުމާއި މިސްކިތެއް އިމާރާތްކުރުމަށް އަންނަ އަހަރަށް ބަޖެޓްކޮށްފައެއް ނުވެއެވެ. 2017 ވަނަ އަހަރުގައި އިހަވަންދޫ ބަދަރު ހެދުމަށް 13.5 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވާއިރު މިސްކިތެއް އިމާރާތްކުރުމަށް 2 މިލިއަނަށްވުރެ ގިނަރުފިޔާ ބަޖެޓްކޮށްފައިވެއެވެ.

އިހަވަންދޫގައި ބަޖެޓް ވަކި ބަޖެޓެއްގެ ގޮތުގައި ހަރަދުކުރާ އޮފީސްތަކުގެ ތެރެއިން އިހަވަންދޫ ސްކޫލަށް 2018 ވަނަ އަހަރުގެ ބަޖެޓުން ޙަރަދުކުރުމަށް ކަނޑައަޅާފައިވަނީ 17.1 މިލިއަން ރުފިޔާއެވެ. އަދި އިހަވަންދޫ ކައުންސިލް އިދާރާއަށް ބަޖެޓް ކޮށްފައިވަނީ 3.7 މިލިއަން ރުފިޔާއެވެ.

މިއީ ފާއިތުވި 3 އަހަރުގެ ބަޖެޓަށް ބަލާއިރުވެސް ދައުލަތުގެ ބަޖެޓްގައި އިހަވަންދޫއަށް އެންމެ މަދު އަދަދެއްގެ ފައިސާ ބަޖެޓްކުރި އަހަރުކަން ފާހަގަކުރެވެއެވެ. 2016 އަހަރުގެ ބަޖެޓްގައި އިހަވަންދޫއަށް 32.8 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވާއިރު 2017 ވަނަ އަހަރުގެ ބަޖެޓްގައި އިހަވަންދޫއަށް 59.4 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވެއެވެ. ނަމަވެސް 2018 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އިހަވަންދޫއަށްހަރަދުކުރުމަށް ހިމަނާފައިވަނީ 21.7 މިލިއަން ރުފިޔާއެވެ.