"ރަންތާޖު" ޤުރްއާން މުބާރާތުން އިހަވަންދޫ ޓީމަށް ލިބުނު ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފި

މުޙައްމަދު އަކުރަމް

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ތިލަދުންމަތީ އުތުރުބުރީ ރައްޔިތުންނަށާއި، ހއ އަތޮޅުގެ ސްކޫލް މަދަރުސާތަކަށް ބޭއްވި ކީރިތި ޤުރްއާން ކިޔެވުމުގެ ހއ.އަތޮޅު “ރަންތާޖު” ޤުރްއާން މުބާރާތުން އިހަވަންދޫ ޓީމަށް ލިބުނު ފައިސާގެ އިނާމު ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފިއެވެ.  އެފައިސާ ހަދިޔާކޮށްފައިވަނީ، ތިލައުތުރު ރަންތާޖު ޤުރުއާން މުބާރާތުގައި ބައިވެރިވެ އިހަވަންދޫ ޓީމް ހޯދި ކާމިޔާބީ ފާހަގަކުރުމަށް އިހަވަންދޫ ކައުންސިލް ބޭއްވި ހަފުލާގެ ތެރެއިންނެވެ.

ހއ.އަތޮޅު “ރަންތާޖު” ޤުރްއާން މުބާރާތުގައި ބައިވެރިވި އިހަވަންދޫގެ ޓީމްވަނީ މުޅި މުބާރާތުން 2 ވަނަ ހޯދާފައެވެ. މުޅިމުބާރާތުން ދެވަނައަށް ދިއުމުން އެޓީމަށްވަނީ 7000ރ ގެ ފައިސާގެ އިނާމެއް ދީފައެވެ. ހއ.އަތޮޅު “ރަންތާޖު” ޤުރުއާން މުބާރާތުން މުޅިމުބާރާތުން އެއްވަނަ ހޯދީ އިހަވަންދޫ ޓީމްގައި ހިމެނޭ، އިހަވަންދޫ ސްކޫލްގެ ދަރިވަރު، ޔައިޝާ ޔާސިރު އިބްރާހިމްއެވެ. އެމުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން އިހަވަންދޫ 1 ވަނަ ހޯދިއިރު ނުބަލާ ކިޔެވުމުގެ ބައިން 3 ވަނަ ރަށަކީވެސް އިހަވަންދޫއެވެ.

އިހަވަންދޫގެ މުއައްސަސާތައް އަދި ޒުވާނުން ގުޅިގެން ފަލަސްތީނަށް އެޙީވުމަށް ‘ފަލަސްތީނާއެކު އިހަވަންދޫ’ ގެ ނަމުގައި ހިންގި ހަރަކާތުންވެސްވަނީ 154،000 އަށްވުރެ ގިނަ ފައިސާހޯދާ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފައެވެ.