އިހަވަންދޫ ރަމްޒުކޮށްދޭނެ މޮނިއުމެންޓެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އިހަވަންދޫ ކައުންސިލުންކޮށްފައިވާ އިއުލާނުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިކަމާގުޅިގެން ކުރިންކޮށްފައިވާ އިއުލާނުގައި ވާގޮތުން މޮނިއުމެންޓް ފަރުމާކޮށް، ހުށައަޅާ ފަރުމާތަކުން ދޭހަ ކޮށްދޭ ތަފްސީލު ތަކާއި އެކު ހުށަހަޅަންޖެހޭ ތާރީހަކީ މިދިޔަ މަހުގެ 30 ނަމަވެސް މިހާރުވަނީ އެމުއްދަތު މިމަހުގެ 6 ވަނަދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. އިހަވަންދޫ ކައުންސިލްގެ އީމެއިލް (iha_council@hotmail.com) އަށް ވެސް ފަރުމާ ތައް ހުށައެޅޭނެ ކަމަށް އެ ކައުންސިލުން ބުނެއެވެ. ފަރުމާ އީމެއިލް ކުރާނަމަ ހުށަހަޅާ ފަރާތުގެ ވަނަވަރު ޕީޑީއެފް ފޯމެޓްގައި ފޮނުވަންޖެހޭއިރު މޮނިއުމަންޓްގެ ޑިޒައިން ކުލަކޮށް ޕީއެންޖީ ފޯމެޓްގައި ހުށަހަޅަން ޖެހެއެވެ. އަދި އީމެއިލް ކުރާނަމަ ޑިޒައިންގެ ކޮރަލްޑްރޯ ނުވަތަ ފޮޓޯޝޮޕް ފައިލްވެސް ހުށަހަޅަންޖެހެއެވެ.
އިހަވަންދޫ ކައުންސިލުން ބުނެފައި ވަނީ މޮނިއުމެންޓު ފަރުމާ ކުރުމުގައި ރަށުގެ މަސައްކަތްތެރިކަމާއި އިސްލާމް ދީނާއި އިޖުތިމާއީ ގުޅުން އަދި ރަށުގެ އިޤްތިސާދާއި ތަޢުލީމު ރަމްޒު ކޮށްދޭން ވާނެ ކަމަށެވެ. މޮނިއުމެންޓު ފަރުމާކޮށްގެން 1 ވަނަ އަށް ހޮވޭ ފަރާތަކަށް 2000 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.