މިއަހަރުގެ މަސްވެރިންގެ ދުވަސް އިހަވަންދޫގައި ފާހަގަ ކުރާގޮތަށް ހަމަޖައްސަވައިފި

ޢަބުދުﷲ ޙަމީދު

2017 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ހއ. އިހަވަންދޫގައި ފާހަގަ ކުރައްވާ ގޮތަށް ސަރުކާރުން ނިންމަވައިފިއެވެ.

މިކަން އިޢުލާނު ކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ މުޙައްމަދު ޝައިނީ، މިއަދު އިހަވަންދޫއަށް ވަޑައިގެން ރަށުގެ އޮޑިވެރިންނާއި ސަރުކާރު މުވައްސަސާތަކުގެ އިސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މިއަދު  ހެނދުނު 10:00 ގައި މިނިސްޓަރ ޝައިނީ އިހަވަންދޫއަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވާފައި ވަނީ އިހަވަންދޫ ކައުންސިލް މެމްބަރުންނާއި އިހަވަންދޫގެ މަވައްސަސާތަކުގެ ވެރިން އަދި ރައްޔިތު ބޭފުޅުންނެވެ.

ބައްދަލުވުމުގެ ބައިވެރިންގެ ހިޔާލާއި މަޝްވަރާ އާއިއެކު ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި މިނިސްޓަރ ޝައިނީ ވިދާޅިވީ މަސްވެރިންގެ ދުވަސް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ހާއްސަކޮށް އެރަށެއްގައި އުޅޭ މަސްވެރިން، އޮޑިވެރިންނަށް މަސްވެރިކަމުގެ ދާއިރާއިން ރަށަށް ބޭނުންވާ ކަންތައްތަކެއް ކުރުމުގެ މަގު ފަހިކޮށްދިނުން ކަމުގައެވެ. މިނިސްޓުރީން ކޮށްދޭ ކަމަކީ ވިޔަފާރިވެރިންނާއި، ދާއިރާގައި އިސްކޮށް އުޅުއްވާ ބޭފުޅުންނާއި މުވައްސަސާތަކުގެ ވެރިން އެއްތަނަކަށް ގެނެސް އެހުރި މައްސަލަތަކާއި މެދު ވާހަކަ ދައްކާނެ ފުރުސަތު ހުޅުވާލަ ދިނުން ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ގިނަ ފަރާތްތަކުން ވަނީ މަސްވެރިންގެ ދުވަސް އިހަވަންދޫގައި ބޭވުމަށްޓަކައި ވާންޖެހޭ ތައްޔާރިއް ވުމުގައި އެބޭފުޅުންގެ ފަރާތްތަކުން ފުރިހަ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ދާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި އިހަވަންދޫގެ ފަޅުގެ ދަތިކަމުގެ ވާހަކަ ބައިވެރިން ވަނީ މިނިސްޓަރ އާއި ހިއްސާކުރައްވައިފައެވެ.

2016 ވަނަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަ ކޮށްފައި ވަނީ ގއ. ގެމަނަފުށީގަ އެވެ. މީގެ ކުރިން 2 ފަހަރެއްގެ މަތިން އިހަވަންދޫގައި މަސްވެރިންގެ ދުވަސް ބާއްވާފައި ވެއެވެ.