"މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ" ހއ. އަތޮޅު ކައުންސިލްގެ އިދާރާއަށް

މުޙައްމަދު އަކުރަމް

އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ހޮވާ “މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އެވޯޑް” ލޯކަލް ކައުންސިލްތަކުގެ ބައިން، ހއ. އަތޮޅު ކައުންސިލްގެ  އިދާރާ ހާޞިލްކޮށްފިއެވެ. މިއެވޯޑް އެކައުންސިލާއި ހަވާލުކޮށްދެއްވީ ސެޕްޓެމްބަރ 28 ވަނަދުވަހުއޮތް “މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބައިނަލްއަޤްވާމީ ދުވަސް” ފާހަގަކުރުމަށްޓަކައި އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީޙްއެވެ. މިއެވޯޑް މިނިވަން މުވައްސަސާތަކުގެ ބައިން ލިބިފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށެވެ. މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ ހޮވާފައިވަނީ، ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އެންމެ ފަސޭހަކަމާއެކު އާންމުފަރާތްތަކާއި އެހެނިހެންވެސް ފަރާތްތަކަށް އެ މުއައްސަސާއެއްގެ މަސަކަތްތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދޭ ތަންތަނަށް ބަލައިގެންނެވެ.

ތިން ދަރަޖައަކަށް ބަހާލައިގެން ދިން މިއެވޯޑްގެ މައުލޫމާތު ހާމަ ކުރުމުގެ ދެވަނަ ދަރަޖަ ލިބިފައިވަނީ ރައްޔިތުންގެ މަޖިލީހާއި ޓޫރިޒަމް މިނިސްޓްރީއާ އިލެކްޝަން ކޮމިޝަން އަދި އިސްލާމިކް އެފެއާޒްއަށެވެ. އަދި ތިންވަނަ ދަރަޖަ ލިބިފައިވާ އިދާރާތަކުގެ ތެރެގައި ހައުސިން މިނިސްޓްރީއާއި ޖެންޑަ މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީ އަދި ރައީސް އޮފީސް ހިމެނެއެވެ.

“މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އެވޯޑް” ހއ. އަތޮޅު ކައުންސިލްގެ  އިދާރާއަށް ލިބުނުއިރު، އެކައުންސިލުން އަންނަނީ އަމިއްލަ އިސްނެގުމުގެ މަތީން މައުލޫމާތު ހާމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން halifatoll.gov.mv ގެނަމުގައި ވެބްސައިޓެއް ހިންގާއިރު ސޯސަލް މީޑީއާގައިވެސް އެކައުންސިލްގެ މަސައްކަތްތަކާއިގުޅޭ މައުލޫމާތު އަދާއިހަމަކޮށް ގެނެސްދޭކަން ފާހަގަކުރެވެއެވެ.

މިއީ އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން “މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ” އިގެ ނަމުގައި އެވޯޑް ދިން ދެވަނަ އަހަރެވެ. މި އެވޯޑަކީ ދައުލަތުގެ އިދާރާތަކުން ގާނޫނުގައިވާ ގޮތުގެ މަތީން އެ އިދާރާއެއްގެ އަމިއްލަ އިސްނެގުމުގެ މަތީން މައުލޫމާތު ހާމަކުރުމަށް ހިތްވަރުދިނުމުގެ ގޮތުން 2016 ވަނަ އަހަރުން ފެށިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދެމުން އަންނަ އެވޯޑެކެވެ. “މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ” އަށް ހޮވޭ އިދާރާތައް ކަނޑައަޅައި އެކަން އިޢުލާނުކޮށް އެ ޝަރަފު ދެނީ ކޮންމެ އަހަރަކު ވެސް ސެޕްޓެމްބަރު މަހު 28 ގައި ފާހަގަ ކުރާ “މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބައިނަލްއަޤްވާމީ ދުވަސް” ފާހަގަކުރުމަށްޓަކައި ބާއްވާ ޚާއްޞަ ޙަފުލާއެއްގައެވެ.

މިދިޔަ 2016 ވަނަ އަހަރު “މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ” ޙާޞިލުކޮށްފައި ވަނީ ވެސް އޭސީސީ އެވެ.