ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ކުށުގައި އިހަވަންދޫގެ 13 މީހަކު ޖޫރިމަނާކޮށްފި

މުޙައްމަދު އަކުރަމް

ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ބަދަލުވެފައިވަނިކޮށް ޖެހިގެން އައި ފެބްރުއަރީ 8 ވަނަ ދުވަހު އިހަވަންދޫ ޕޮލިސް ސްޓޭޝަނަށް ވަދެ އެސްޓޭޝަންގެ ތަޅުދަނޑި ހަވާލުކުރުމަށް ފުލުހުންނަށް އަންގައި، އެސްޓޭޝަންގައި މަސައްކަތްކުރަން ތިބި އެންމެހާ ފުލުހުން އެސްޓޭޝަނުން ނުކުތުމަށް އަންގައި އެސްޓޭޝަންގައި އެވަގުތު މަސައްކަތްކުރަން ތިބި ފުލުހުން ނެރުމުގައި ހަރަކާތްތެރިވި މީހުންނާއި އެކު ބައިވެރިވެފައިވާކަން ޝަރީޢަތައް ހެކިބަސްދިން ހެކިންގެ ހެކިބަހުން ޝަރީއަތައް ސާބިތުވާ ކަމަށްބުނެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ކުށުގައި އިހަވަންދޫގެ 13 މީހަކު ޖޫރިމަނާކޮށްފިއެވެ. މި 13 މީހުންވެސް ޖުރިމަނާކޮށްފައިވަނީ 1500ރ އިންނެވެ. އަދި އެފައިސާ 25 ސެޕްޓެމްބަރ 2017 ވަނަ ދުވަހުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށްވެސް އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން އެމީހުންގެ މައްޗަށްކުރި ހުކުމުގައިވެއެވެ.

2012 ވަނައަހަރުގެ ފެބުރުއަރީ މަހުގެ 8 ވަނަދުވަހު އިހަވަންދޫގައި ހިނގާދިޔަ ކަންކަމާއިގުޅިގެން 22 މީހެއްގެ މައްޗަށް ދައުވާކޮށްފައިވެއެވެ. އެއިގެތެރެއިން ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ 16 މީހެއްގެއެވެ. މިއަދުގެ ހުކުމްކުރުމުގެ ސަރީއަތުގެ މަޖިލީހަށް ހާޒިރުވެފައިވަނީ އޭގެތެރެއިން 13 މީހެކެވެ. އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން އެމީހުންގެ މައްޗަށްކުރި ހުކުމުގައި، އެޤަޟިއްޔާއިން ކުށް ސާބިތުވެފައިވާ މީހުންގެ ތެރެއިން ހުކުމް ނުކުރެވިވާ މީހުންގެ މައްޗަށް އެކޯޓުގެ އެހެން ޤަޟިއްޔާއަކުން ހުކުމް ކުރެވޭނެކަން ބަޔާންކޮށްފައިވެއެވެ. މިމައްސަލަ ބައްލަވާފައިވަނީ ހއ އުލިގަމު މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަޙްމަދު ނަޞީރު އާދަމެވެ.