އިހަވަންދޫ ކައުންސިލްގެ ކުރީގެ ދައުރުތަކުގެ ވެރިންނާއި މިދައުރުގެ ކައުންސިލުން ބައްދަލުކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލްގެ ފާއިތުވެދިޔަ ދެ ދައުރުގެ ރައީސުން އަދި ނައިބު ރައީސުންނާއި، އިހަވަންދޫ ކައުންސިލުން ބައްދަލުކޮށް ހިޔާލާއި މަޝްވަރާ ބަދަލުކޮށްފިއެވެ. އިއްޔަ އިހަވަންދޫ ކައުންސިލްގައި ކުރިޔަށްދިޔަ މިބައްދަލުވުމުގައި އިހަވަންދޫ ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސް މުހައްމަދު ސަމީރު، އަދި ފުރަތަމަ ދައުރުގެ ނައިބް ރައީސް އަބުދުﷲ މަންސޫރު އަދި އިހަވަންދޫ ކައުންސިލްގެ ދެވަނަ ދުރުގެ ރައީސް މުހައްމަދު އާޞިފް އަދި ދެވަނަ ދައުރުގެ ނައިބް ރައީސް އަބުދުލް މުއީދު އިބްރާހިމްގެ އިތުރުން އިހަވަންދޫ ކައުންސިލްގެ ތިންވަނަ ދައުރުގެ ކައުންސިލަރުންނާއި ބައެއް އިދާރީ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

މިހާރު ހިނގަމުންދާ އިހަވަންދޫ ކައުންސިލްގެ ތިންވަނަ ދައުރުގެ ރައީސް މުހައްމަދު ރަޝީދު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިއްޔަގެ ބައްދަލުވުމުގައި، ކައުންސިލް ހިންގުމުގައި ދިމާވި ދަތިތަކާއި، ކައުންސިލްގެ ކުރީގެ ދެދައުރުގައި ގެނަން ވިސްނާފައި ހުރިކަންކަމުގެ މައުލޫމާތު ދެއްވިކަމުގައެވެ. އަދި މީގެއިތުރަށް މުހައްމަދު ރަޝީދު ވިދާޅުވީ، ކުރީގެ ދެ ދައުރުގައި ފެށި ނުނިމިހުރި ޕްރޮގްރާމްތައް ކުރިޔަށް ނުގެންދެވުނު ސަބަބާއި، މިހާރު އެކަންކަން ކުރިޔަށް ގެންދެވެން އޮތްގޮތުގެ ހިޔާލުވެސް ކުރީގެ ދެދައުރުގެ ރައީސުންނާއި ނައިބުން ދެއްވިކަމަށެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ، އިހަވަންދޫ ކައުންސިލްގެ ފުރަތަމަ ދައުރާއި ދެވަނަ ދައުރުގެ ރައީސުންނާއި ނައިބު ރައީސުންވެސް، ކައުންސިލާއި ގާތްގުޅުމެއް ބާއްވައި ކައުންސިލަށް މަޝްވަރާ ދިނުމާއި ކަންކަމުގައި އަމަލީގޮތުން ބައިވެރިވާނެކަމުގެ ޔަގީންކަން ދެއްވިކަމުގައެވެ.