ރޮހިންގާ މުސްލިމުންގެ ހައްގުގައި އިހަވަންދޫ ރައްޔިތުން އަޑުއުފުލައިފި

މުޙައްމަދު އަކުރަމް

މިޔަންމާގައި އެޤައުމުގެ އަސްކަރިއްޔާއިންނާއި، ބުޑިސްޓުންގެ ފަރާތުން ލާއިންސާނީ އަނިޔާލިބެމުންދާ ރޮހިންގާ މުސްލިމުންގެ ހައްގުގައި އިހަވަންދޫ ރައްޔިތުން ހިނގާލުމެއް ބާއްވާ އަޑުއުފުލައިފިއެވެ. އިއްޔަ ހަވީރު އިހަވަންދޫ ރަށު ކައުންސިލުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މިހަރަކާތުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާއިރު މިހަރަކާތަކީ، ރޮހިންގާ މުސްލިމުންނަށް ދެމުންދާ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލާ އިޙްތިޖާޖުކުރުމުގެ ގޮތުންނާއި، މާލީގޮތުން އެހީތެރިކަން ހޯދުމުގެ ގޮތުން ބޭއްވުނު ހަރަކާތެކެވެ.

އިއްޔަ އިހަވަންދޫ ކައުންސިލް ކައިރިން ފެށުނު ހިނގާލުމުގައި ބައިވެރިވި ފަރާތްތަކުން ތިބީ އިހަވަންދޫގެ ރައްޔިތުން ރޮހިންގާގެ މުސްލިމުންނާއިއެކު ތިބިކަން އަންގައިދިނުމުގެ ގޮތުން ޝުއޫރު ލިޔެފައިވާ ބޯޑްތަކާއި ބެނަރތައް ހިފައިގެންނެވެ. އަދި ހިނގާލުމުގައި އެކި ހިސާބުތަކަށް މަޑުކޮށް، ބައެއް ބޭފުޅުންވަނީ ރޮހިންގާ މުސްލިމުންގެ ހައްގުގައި އަޑުއުފުލާ ޝުއޫރު ފާޅުކޮށްފައެވެ.

އިއްޔަގެ ހިނގާލުން ނިންމާލުމުގެ ގޮތުން ހިނގާލުމުގެ ބައިވެރިން ވަނީ އިހަވަންދޫ އޯޕަންސްޓޭޖް ސަރަހައްދަށް ޖަމާވެ ރޮހިންގާ މުސްލިމުންނަށް ނަސްރު ދެއްވުން އެދި ޚާއްސަ ދުއާއެއް ކޮށްފައެވެ.  އެ ދުއާގައި ރޮހިންގާ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކުން ސަލާމަތްކުރައްވާ، ދަތި ހާލުގައި މުސްލިމުންނަށް ފަސޭހަކަން ދެއްވާ ނަސްރު ދެއްވުން އެދި ވަނީ ދުއާކޮށްފައެވެ.

މީގެ އިތުރުން ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން އިހަވަންދޫގައި ވަނީ ޚާއްސަ ފަންޑު ފޮށިތަކެއްވެސް ބަހައްޓާފައެވެ. ހިނގާލުމުގެ ބައިވެރިން ވަނީ ރޮހިންގާ މުސްލިމުންނަށް އެހީވުމުގެ ގޮތުން މި ފަންޑު ފޮއްޓަށް ފައިސާގެ އެހީ ހަދިޔާކޮށްފައެވެ.

އިހަވަންދޫ ކައުންސިލުން މިނޫހަށް މައުލޫމާތު ދީފައިވާގޮތުގައި ކައުންސިލުން އިސްނަގާގެން ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ހިންގޭ ހަރަކާތުގެ ދަށުން 11 ފަންޑު ފޮށްޓެއް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން އަންނަ ހޮނިހިރުދުވަހާ ހަމައަށް މިފަންޑުފޮށިތައް ހުޅުވިފައި ހުންނާނެކަމުގައެވެ. ފަންޑުފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ އިހަވަންދޫ ކައުންސިލްގެ އިދާރާގަ އާއި އިހަވަންދޫ މަދަރުސާ އަދި މިސްކިއްތަކުގެ އިތުރުން ބައެއް ފިހާރަތަކުގައެވެ.

ރޮހިންގާ މުސްލިމުންނާއި ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއާއި ހައްދުފަހަނައަޅާފައިވާ ބުޑިސްޓުން ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް މުޅި ރާއްޖޭގައި ދަނީ އަޑުއުފުލަމުންނެވެ.

އަދި ގިނަ ރަށްރަށުގައި ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ފައިސާ އާއި އަންނައުނު އެއްކުރުމުގެ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.