ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މާނިއު އައްޔަން ކޮށްފި

.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ހއ. އިހަވަންދޫ އަންބަރީގޭ، އަބްދުލްމާނިއު ހުސައިން، މިއަދު އައްޔަން ކޮށްފިއެވެ. ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މަގާމެއް ހުސްވީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ޝަކީލް ރިޓަޔާ ކުރެއްވުމުންނެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން މާނިއު ހިމެނޭ ގޮތަށް ނުވަ ބޭފުޅަކު ކުރިމަތިލެއްވި އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މާނިއު އައްޔަން ކުރެއްވީ ޖޭއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މާނިއުއަކީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އެންމެ ފަހުން އިންތިހާބު ކޮށްފައި ހުރި މެމްބަރެވެ.  ޖޭއެސްސީ ގައި ވަކީލުން ތަމްސީލް ކުރައްވާ މެމްބަރަކު ހޮވަން ބޭއްވި އިންތިހާބުގައި ހަ ވަކީލަކު ވާދަކުރެއްވިއިރު އެ އިންތިޚާބު މާނިއު ކާމިޔާބުކުރެއްވީ 199 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ވަކީލް އަލީ ރަޝީދަށް 124 ވޯޓު ލިބިވަޑައިގަތެވެ.  އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިމަހުގެ 12 ވަނަ ދުވަހުއެވެ.