ކޮފަލިން ޑިފެންޑިންގ ޗެމްޕިއަން އެންވީކޭ ހުއްޓުވިއިރު، އިރަމާ މުބާރާތްފެށީ މޮޅަކުން

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއްޔަށް ގެންދާ “ކައުންސިލް ކަޕް 2023” ގެ މިއަދުގެ ފުރަތަމަ މެޗްގައި، ވާދަވެރި ކުޅުމަކަށްފަހު ކްލަބް އިރަމާއިން ޓީމް އެސް.ސީ ގެ މައްޗަށް ކުރި ހޯދައިފިއެވެ.

އެމެޗް ކްލަބް އިރަމާއިން ކާމިޔާބުކުރީ 5-3 ގެ ނަތީޖާއަކުންނެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނުއިރު ކްލަބް އިރަމާއިން ދެ ގޯލްގެ ލީޑެއް ނަގާފައި އޮތެވެ. ފުރަތަމަ ހާފްގައި އެޓީމަށް ސްކޯ ކޮށްދިނީ އަސްލަމް އަދި ޝަހުދުއެވެ. ދެވަނަ ހާފް ފެށުމާއިއެކު ޓީމް އެސް.ސީ ގެ ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކުރިއެވެ. ނަމަވެސް އިރަމާ ޓީމުންވަނީ މެޗްގެ ފަހުވަގުތު ދެ ގޯލްގެ ލީޑެއް ނަގާފައެވެ. ފަހުހާފުގައި އިރަމާ ޓީމްގެ ގޯލްތައް ޖަހައިދިނީ އަސްލަމް، ސިފާން އަދި ވިސާމްއެވެ. ޓީމް އެސް.ސީ ގެ ގޯލްތައް ޖަހައިދިނީ އަސީލް، ޝަރީފް އަދި މަދީހްއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކްލަބް އިރަމާ ޓީމަށް ދެ ގޯލް ޖަހައިދިން މުހައްމަދު އަސްލަމްއެވެ.

މިއަދުގެ ދެވަނަ މެޗްގައި ޑިފެންޑިންގ ޗެމްޕިއަން އެންވީކޭ އަދި  ކޮފަލި  ބައްދަލުކުރި މެޗް ނިންމާލަންޖެހުނީ 1-1 އިން އެއްވަރުވެ ޕޮއިންޓަކާއެކުއެވެ. މެޗްގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ގޯލެއް ޖެހޭގޮތް ނުވިއިރު، އެހާފްގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެންވީކޭ އަށެވެ. ފުރަތަމަ ހާފްގެ 8 ވަނަ މިނެޓްގައި އެންވީކޭގެ މުހައްމަދު އާދަމްޖެހި ޕެނަލްޓީ ދިފާއުކުރީ ކޮފަލީގެ ކީޕަރު ނާފިޒްއެވެ. މުޅި މެޗްގައިވެސްވަނީ ނާފިޒްގެ ގިނަ ސޭވްތަކެއް ފެނިގެން ގޮސްފައެވެ. މިމެޗްގައި އެންވީކޭއިން ލީޑްނެގީ ފަހު ހާފްގެ 9 ވަނަ މިނެޓްގައި އެޓީމްގެ ޒަޔާން ޖަހައިދިން ގޯލުންނެވެ، ނަމަވެސް މެޗް ނިމިނިމި އޮށްވާ ފަހު ހާފްގެ 20 ވަނަ މިނެޓްގައި  ކޮފަލީގެ ލަޔާންވަނީ ގޯލެއްޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުޅި މެޗްގައިވެސް މޮޅުކުޅުމެއްދެއްކި ކޮފަލި ޓީމްގެ އިރުޝާދުއެވެ. މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އެންވީކޭ އެވެ.  އެޓީމްވަނީ އެންމެ ފަހުގެ ކައުންސިލް ކަޕާއިއެކު ޖެހިޖެހިގެން 4 ފަހަރު އެމުބާރާތް ކާމިޔާބުކޮށްފައެވެ.

މިމުބާރާތުގައި މާދަމާވެސް ދެ މެޗް ކުޅޭނެއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް 1 ގެ ކޭ.އެމް އަދި ކްލަބް އިރަމާއެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް 2 ގެ ސެންސިޓީ އަދި ކޮފަލިއެވެ.

8 ޓީމް ބައިވެރިވެފައިވާ މިމުބާރާތް ކުރިޔަށް ގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް 1 ގައި ކުޅިމަގު، ކޭ.އެމް، ކްލަބް އިރަމާ އަދި ޓިމް އެސް.ސީ ހިމެނޭއިރު ގްރޫޕް 2 ގައި ހިމެނެނީ ޖަންގަލް، ސެންސިޓީ، ކޮފަލި އަދި އެންވީކޭއެވެ. މިމުބާރާތު ޗެމްޕިއަން ޓީމަށް 15000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ދެވަނަ ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.

ޚިޔާލު ފައުޅުކުރުން

ލައިވް ކޮށްބަލަ މެޗް