އިރަމާ، ކޭ.އެމް، ކޮފަލި އަދި ސެންސިޓީއަށްވެސް ފުއްދާލަންޖެހުނީ ޕޮއިންޓަކުން

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއްޔަށް ގެންދާ “ކައުންސިލް ކަޕް 2023” ގެ މިއަދުގެ ދެމެޗްވެސް  އެއްވަރުވެގެން ނިމިއްޖެއެވެ.

މިއަދުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ކޭ.އެމް އަދި ކްލަބް އިރަމާއެވެ. އެމެޗް 2-2 ގެ ނަތީއަކުން އެއްވަރު ވެފައިވާއިރު އެމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކޭ.އެމް ގެ މަދީހްއެވެ. މެޗްގައި ފުރަތަމަ 2 ގޯލްޖަހައި ލީޑްނެގީ އިރަމާޓީމެވެ. އެގޯލްތައް އެޓީމަށް ޖަހައިދިނީ އަސްލަމް އަދި ވިސާމްއެވެ. ކޭ.އެމް ފަހަތުން އަރައި އެއްވަރު ކޮށްދިނީ މަދީހް އަދި ނާއިޝްގެ ގޯލުންނެވެ.

މިއަދުގެ ދެ ވަނަ މެޗްގައި ކޮފަލި އަދި ސެންސިޓީ ބައްދަލުކުރި މެޗް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ކޮފަލި ޓީމްގެ ގޯލް މުނީޒް ޖަހައިދިންއިރު ސެންސިޓީގެ ގޯލް ޖެހީ ޒަހުވާންއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ސެންސިޓީގެ ކީޕަރު ހުޒާމްއެވެ.  މިއަދުގެ މެޗްތަކުގައި އަނިޔާވެގެން 3 ޓީމެއްގެ 3 ކުޅުންތެރިޔަކަށް އާމިނާދިޔޯ ސިއްޙީމަރުކަޒުގައި ފަރިވާދޭން ޖެހުނެވެ. އޭގެތެރެއިން އެއް ކުޅުންތެރިޔަކު އިތުރު ފަރުވާޔަށް މިހާރުވަނީ  ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލާފައެވެ.

މާދަމާވެސް މިމުބާރާތުގެ 2 މެޗް ކުޅޭނެއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އެންވީކޭ އަދި ޖަންގަލްއެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ޓީމް އެސް.ސީ އަދި ކުޅިމަގެވެ.