ކައުންސިލް ކަޕްގެ ފައިނަލަށް އެންވީކޭ އަދި ޖަންގަލް

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއްޔަށް ގެންދާ “ކައުންސިލް ކަޕް 2023” ގެ ފައިނަލަށް އެންވީކޭ އަދި ޖަންގަލް ދަތުރުކޮށްފިއެވެ.

އެންވީކޭ މިމުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ކުޅިމަގާއި ބައްދަލުކުރި މެޗް 10-2 ކުން ކާމިޔާބު ކޮށްގެންނެވެ. މިމުބާރާތުގެ އެންމެގިނަ ގޯލް ފެނުނު މިމެޗްގައި އެންވީކޭގެ ސާޖިދު 5 ގޯލް ޖެހިއިރު އެޓީމްގެ ހާމިދު 2 ގޯލް ޖެހިއެވެ. މީގެއިތުރުން އެޓީމްގެ ފަޒީލް، ރިޝްފާން އަދި މުހައްމަދު އާދަމް ވަނީ އެޓީމަށް ގޯލް ޖަހައިދީފައެވެ. ކުޅިމަގު ޓީމްގެ ގޯލްތައް ޖެހީ ޝަމްވީލް އަދި ނައުޝާދެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭއަށް 5 ގޯލް ޖަހައިދިން އެޓީމްގެ ސާޖިދުއެވެ.

ސެމީފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރީ ކްލަބް އިރަމާ އަދި ޖަންގަލްއެވެ. ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއިން މެޗް ކާމިޔާބުކުރީ ޖަންގަލް ޓީމެވެ. އެޓީމުންޖެހި ހަމައެކަނި ގޯލަކީ މެޗް ނިމެން ދަނިކޮށް ލިބުނު ޕެނަލްޓީއަކުން އެޓީމްގެ ޝާނިއު ކާމިޔާބުކޮށްދިން ގޯލެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޖަންގަލް ޓީމްގެ ހަސަނެވެ.

މިމުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މާދަމާ (ހުކުރު) ދުވަހުގެ ހަވީރު 16:00 ގައެވެ. މިހާތަނަށް 5 ފަހަރު މިމުބާރާތް ބާއްވާފައިވާއިރު 4 މުބާރާތުގެ ޗެމްޕިއަން އެންވީކޭ އަކީ މިމުބާރާތުގެ އެންމެ ކާމިޔާބުޓީމެވެ.

މިމުބާރާތު ޗެމްޕިއަން ޓީމަށް 15000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ދެވަނަ ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.