އެންވީކޭގެ އުއްމީދަކީ ފަސް ތަރި ހޯދުން – ކޯޗް ސުޖާއު

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއްޔަށް ގެންދާ “ކައުންސިލް ކަޕް 2023” ގެ ފައިނަލަށް އެންވީކޭ ނުކުންނައިރު، ޓީމްގެ އުއްމީދަކީ ފަސްތަރި ހޯދުންކަމަށް އެންވީކޭ ޓީމްގެ ކޯޗް މުހައްދު ސުޖާއު ބުނެފިއެވެ.

ސުޖާއު މިހެންބުނީ މިނޫހުންކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ. “ނިކުންނަނީ ފައިނަލް މެޗް ކާމިޔާބުކުރަން، ޓިމްގެ އުއްމީދަކީ ފަސްތަރި ހޯދުން، އުއްމީދަކީ މެޗުން މޮޅުވުން” ސުޖާއު ބުންޏެވެ. އެންވީކޭ ފައިނަލް މެޗަށް ނުކުންނައިރު ޓީމްގެ ކުޅުންތެރިންގެ ކުދި ކުދި އެންޖަރީ ހުރިނަމަވެސް ބޮޑު އެންޖަރީއެއް ނެތްކަމަށް ސުޖާ މައުލޫމާތު ދެއެވެ.

ކައުންސިލް ކަޕްގެ 5 މުބާރާތް މިހާތަނަށް ބާއްވާފައިވާއިރު، އެންވީކޭއިންވަނީ ހަތަރު މުބާރާތް ކާމިޔާބުކޮށްފައެވެ. އެހެންކަމުން މިއަހަރުގެ މުބާރާތް ކާމިޔާބުކޮށްފިނަމަ މިއީ އެޓީމަށް މިމުބާރާތް ކާމިޔާބުކުރެވޭ 5 ވަނަ ފަހަރަށް ވެގެންދާނެއެވެ.

“ކައުންސިލް ކަޕް 2023” ގެ ފައިނަލް މެޗް ފަށާނީ މިއަދު ހަވީރު 16:00 ގައެވެ. މިމެޗްގައި އެންވީކޭއާ ދެކޮޅަށް ނުކުންނާނީ ވާދަވެރި ޖަންގަލް ޓީމެވެ. މިމުބާރާތު ޗެމްޕިއަން ޓީމަށް 15000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ދެވަނަ ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.