ގޯއްޗަށް އެދުނު ފަރާތްތަކާ ކައުންސިލުން ބައްދަލުކުރައްވަނީ

ޢަބުދުﷲ ޙަމީދު

އިހަވަންދޫން ގޯތި ހޯދުމަށް އެދި ހުށައަޅާފައިވާ ފަރާތްތަކާ އިހަވަންދޫ ކައުންސިލުން ބައްދަލުކުރުމަށް ނިންމައި އެފަރާތްތަކައް ދައުވަތު އަރުވައިފި އެވެ.

ކައުންސިލުން ބުނެފައިވަނީ ގޯއްޗަށް އެދިފައިވާ ފަރާތްތަކާ ކައުންސިލްގެ ފަރާތުން ބައްދަލުކުރުމަށް ބޭނުންވާތީ، ގޯއްޗަށްއެދި ހުށައަޅާފައިވާ ފަރާތްތަކުން 25 އޯގަސްޓު 2017 ވަނަ ދުވަހުގެރޭ 8:30 އަށް އިހަވަންދޫ ސުކޫލުގެ ހޯލަށް ވަޑައިގެން ދެއްވުމަށް އެދޭކަމަށެވެ. މިބައްދަލުވުމުގައި ބައިވެރި ނުވެވޭ ފަރާތްތަކުން، ބައްދަލުވުމަށް ބަދަލުގައި މީހަކު ފޮނުވުމަށް އެދިފައިވާ އިރު މިބައްދަލުވުމާ ބެހޭ އިތުރު މައުލޫމާތު ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.

2017 ޖޫން 3 ވަނަ ދުވަހު ހުވާކުރެއްވި އިހަވަންދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ މެމްބަރުން، އެ ކައުންސިލްގެ 2 ވަނަ އާއްމު ބައްދަލުވުމުން ނިންމާފައި ވަނީ މިދައުރުގެ 100 ދުވަސް ދެރޭގައި ގޯތިދީ ނިންމުމަށެވެ. އަލަށް އިންތިހާބުވި ކައުންސިލަށް 100 ދުވަސް ހަމަވާނީ 2017 ސެޕްޓެމްބަރު 11 ވަނަ ދުވަހަށެވެ.