މިނިވަން ޖޯޝް މަސްރޭހުގެ އެއްވަނަ ސިއްހީ މަރުކަޒުގެ ޓީމަށް

ޢަބުދުﷲ ޙަމީދު

އިހަވަންދޫގެ ސަރުކާރު މުވައްސަސާ ތަކާއި ކުލަބު ޖަމިއްޔާތަކަށް ހުޅުވާލެވުނު މިނިވަންޖޯޝް މަސްރޭހުގެ އެއްވަނަ އަށް އިހަވަންދޫ ސިއްހީމަރުކަޒުގެ ޓީމު ހޮވިއްޖެ އެވެ.

އިހަވަންދޫ މަސްވެރިންގެ ގުޅުމާއި އިހަވަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން އިއްޔެ ހަވީރު 3:00 އިން ރޭގަނޑު 10:00 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މިމުބާރާތުގައި  ޖުމުލަ 7 ޓީމު ބައިވެރިވެފައި ވެއެވެ. މަސްރޭހުގެ ޗެމްޕިއަން ކަން އިހަވަންދޫ ސިއްހީމަރުކަޒަށް ލިބިފައި ވަނީ 73 ކިލޯގެ މަސް ކިރުވައިގެން ނެވެ. މިމުބާރާތުގައި ބައިވެރިވި ކައުންސިލް އިދާރާގެ ޓީމުން 37.800 ކިލޯ މަސް ކިރުވާފައި ވާއިރު، ފެނަކަ އިހަވަންދޫ ބުރާންޗުން ވަނީ 49.900 ކިލޯގެ މަސް ކިރުވާފައެވެ. އަދި އިހަވަންދޫ މެޖިސްޓުރޭޓު ކޯޓާއި ބީއެމް އެލް އިހަވަންދޫ ބުރާންޗުން ވަނީ 40.900 ކިލޯގެ މަސް ކިރުވާފައެވެ. މުބާރާތް ހޯސްޓު ކުރި އިހަވަންދޫ ޕޮލިސް ސްޓޭޝަނުން 18 ކިލޯ އަދި އިމަގު ޖަމިއްޔާއިން ވަނީ 35.200 ކިލޯގެ މަސް ވަނީ ކިރުވާފައެވެ. މުބާރާތުގައި ބައިވެރިވި އިހަވަންދޫ ސުކޫލުގެ ޓީމުން ގަޑިއަށް ރަށަށް ނައުމުގެ ސަބަބުން ވަނީ މުބާރާތުން ޑިސްކޮލިފައި ކޮށްފައެވެ.

މިމުބާރާތުގެ އެއްވަނަ ޓީމަށް 2000 ރުފިޔާގެ އިނާމާއި ޓުރޮފީ އަދި ދެވަނަ ޓީމަށް ޓުރޮފީ ދީފައި ވާއިރު އިނާމު ބައްސަވާ ދެއްވީ އިހަވަންދޫ ކައުންސިލްގެ ރައީސް އަދި ކައުންސިލް މެމްބަރު ޢަލީ ރަމީޒު އެވެ. މުބާރާތުގެ އެންމެ ބޮޑު މަހެއް ބާނާފައި ވަނީ އިހަވަންދޫ ސިއްހީމަރުކަޒުގެ ޓީމުގެ މުޙައްމަދު އަރީބު އެވެ. އެއީ 18.600 ކިލޯގެ މަހެކެވެ. އަދި މިމުބާރާތުގެ އެންމެ ގިނަ މަސް ބާނާފައިވަނީ އިމަގު ޖަމިއްޔާގެ ޓީމުގެ ޢަބުދުލް ގަނީ އާދަމް އެވެ. އޭނާ ވަނީ ޖުމުލަ 27 މަސް ބާނާފައެވެ.

މިއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 52 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އިހަވަންދޫގައި ހުރި ސަރުކާރު މުވައްސަސާތަކާއި ކުންފުނި އަދި ކުލަބު ޖަމިއްޔާތަކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އެކުވެރިކަން އިތުރަށް ދެމެހެއްޓުމުގެ މަޤުޞަދުގައި ކުރިއަށް ގެންދިޔަ މުބާރާތެކެވެ.