މިނިވަންޖޯޝް މަސްރޭސް ކުރިއަށް އެބަދޭ

ޢަބުދުﷲ ޙަމީދު

އިހަވަންދޫގެ ސަރުކާރު މުވައްސަސާ ތަކާއި ކުލަބު ޖަމިއްޔާތަކަށް ހުޅުވާލެވުނު މިނިވަންޖޯޝް މަސްރޭސް މިއަދު ހަވީރުން ފެށިގެން ކުރިއަށް އެބަދެއެވެ.

މިއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 52 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އިހަވަންދޫގައި ހުރި ސަރުކާރު މުވައްސަސާތަކާއި ކުންފުނި އަދި ކުލަބު ޖަމިއްޔާތަކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އެކުވެރިކަން އިތުރަށް ދެމެހެއްޓުމުގެ މަޤުޞަދުގައި އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު ޖަމިއްޔާ) އާއި އިހަވަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ބާއްވާ މުބާރާތެކެވެ.

މި މަސްރޭހުގައި އިހަވަންދޫގެ ސަރުކާރު 6 މުވައްސަސާ އަކުންނާއި 1 ޖަމިއްޔާ އިން ވަނީ ބައިވެރިވެފައެވެ. އެއީ އިހަވަންދޫ ސުކޫލު، އިހަވަންދޫ ސިއްހީ މަރުކަޒު، ފެނަކަ އިހަވަންދޫ ބުރާންޗް، އިހަވަންދޫ މެޖިސްޓުރޭޓު ކޯޓު، އިހަވަންދޫ ޕޮލިސް ސްޓޭޝަން އަދި އިމަގު ޖަމިއްޔާ އެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތައް މިއަދު ހަވީރު 3:00 ގައި މަހަށް ފުރާފައި ވާއިރު، ޓީމުތަކުން ރަށަށް އަންނަން ޖެހޭ އެންމެ ލަސް ގަޑިއަކީ މިރޭ 10:00 އެވެ. މުބާރާތުގެ އެއްވަނަ ޓީމަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭ އިރު، އެންމެ ގިނަ މަސް ބޭނި ފަރާތާއި އެންމެ ބަރު މަހެއް ބޭނި ފަރާތް ވެސް ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ މިނިވަސް ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިހަވަންދޫގެ ސަރުކާރު މުވައްސަސާތައް ގުޅިގެން ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ. މިގޮތުން، މިހާތަނަށް ވަނީ އަންހެނުންގެ ވޮލީބޯޅަ މުބާރާތަކާއި، އަންހެނުންގެ ފުޓުސަލް މުބާރާތެއް، އަދި ކުޑަކުދިންގެ ހަވީރެއް ބާއްވައިފައެވެ.