އަޒުހާންއަށް އެހީވުމަށް ފަންޑްރައިސިންގ އިވެންޓެއް މިއަދު ބާއްވަނީ

މުޙައްމަދު އަކުރަމް

އުފެދުމުގައި ހުރި އުނިކަމެއްގެ ސަބަބުން، ހިތުގެ ވިންދު އާދަޔާހިލާފަށް އަވަސްވެ ފުރާނައަށް ނުރައްކާތެރިވާ ހާލަތަށްދާތީ ކުރަންޖެހޭ އޮޕަރޭޝަނެއް ކުރުމަށް، ހއ އިހަވަންދޫ ރެޑިއަމްގެ، ހުސައިން އަޒްހާނަށް އެހީވުމަށް ފަންޑް ރައިސިންގް ހަރަކާތެއް މިއަދު އިހަވަންދޫގައި ކުރިޔަށް ގެންދާނެއެވެ. އެހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:15 ގައި އިހަވަންދޫ ބަނދަރު ސަރަހައްދުގައެވެ. މިހަރާކާތް މިރޭ 20:15 ގައިވެސް ހަމަ އެސަރަހައްދުގައި ކުރިޔަށްދާނެއެވެ.

“އެކީ ގުޅިގެން” ގެ ނަމުގައި ކުރިޔަށްގެންދާ އެހަރަކާތަކީ އިހަވަންދޫގެ މުވައްސަސާތަކާއި، ކުންފުނިތަކާއި ކުލަބު ޖަމިއްޔާތައް ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ.

މާލޭގައި ދިރުއުޅޭ އިހަވަންދޫގެ ޒުވާނުން އިސްނަގައިގެން، އަޒްހާންއަށް އެހީތެރިވުމުގެ ގޮތުން ފަންޑްރައިސިންގ ހަރަކާތެއް އިއްޔައާއި މިއަދު، މާލޭގައި ދަނީ ކުރިޔަށް ގެންދަމުންނެވެ. މިހަރަކާތް ކުރިޔަށްގެންދަނީ މާލޭގައި ގިނައިން މީހުން ޖަމާވާ ސަރަހައްދުގައި ފަންޑް ފޮށި ބަހައްޓައިގެންނެވެ.