އިހަވަންދޫ ބަނދަރުގެ ކަނޑިންމަ ބަދަލުކުރަނީ

މުޙައްމަދު އަކުރަމް

އިހަވަންދޫ ބަނދަރުގެ ކަނޑިންމަ ބަދަލުކުރުމުގެ މަސައްކަތް، 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ގެ ދަށުން ހިންގުމަށް ބަޖެޓް ކޮށްފައިވާ އެ މަޝްރޫޢަށް 2024 ވަނަ އަހަރުގެ ބަޖެޓުން 1.9 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމާފައިވާއިރު، 2025 ވަނަ އަހަރު 1.5 މިލިއަން އަދި 2026 ވަނަ އަހަރު 1 މިލިއަން ރުފިޔާ އެމަޝްރޫއުއަށް ހޭދަވާނެކަމަށް އަންދާޒާ ކޮށްފައިވެއެވެ.

2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު މިމަޝްރޫޢޫ ބަޖެޓްގައި ހިމަނާފައެއް ނުވެއެވެ. މިމަޝްރޫއު ބަޖެޓަށް އިތުރުކުރީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީންނެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއާ ހަވާލުކޮށްގެން ދާދިފަހުންވަނީ އިހަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތްކޮށްފައެވެ. 1 ޖޫން 2020 ގައި ފެށި 51.7 މިލިއަން ރުފިޔާގެ އެމަޝްރޫޢު ނިންމާފައިވަނީ 24 ސެޕްޓެމްބަރ 2022 ގައެވެ. ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ނިމުން ފާގަކޮށްފައިވަނީ މިދިޔަ ޖުލައި މަހު 19 ވަނަ ދުވަހު، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިހަވަންދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އިހަވަންދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އިހަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ނިމުން ފާގަކުރިތާ 15 ދުވަސް ނުވަނީސް، ބަނދަރުގެ އިރުމަތިން ފެރީ ޓާމިނަލް ކުރިމަތިން ޕަސެންޖަރުންނަށް  ހާއްސަކޮށްފައިވާ ސިޑީގެ ކީވޯލް އަޑިއަށް ދާތީ، އެސިޑި ވަނީ ބަންދުކޮށްފައެވެ. މިހާރު ޕަސެންޖަރުން އަރާފޭބުމަށް ބޭނުންކުރަނީ އިހަވަންދޫ ޕޮލިސް ސްޓޭޝަން ކުރިމަތީގައިވާ ސިޑިއެވެ.

ފާއިތުވި 33 އަހަރަކީ އިހަވަންދޫގެ ބަނދަރަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ 30 އަހަރެވެ. 1990 އިން ފެށިގެން ކޮންމެ 10 އަހަރަކުން ބަނދަރު އިތުރަށް ފުންކޮށް ބަނދަރުގެ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ގެނެވެއެވެ. މިހާރު އިހަވަންދޫ ބަނދަރުއޮތް، އިހަވަންދޫގެ ދެކުނު ކޮޅުގައި ފުރަތަމަ ބަނދަރު ހެދިގެން ދިޔައީ 1990 އިގެ ކުރީކޮޅުއެވެ. އެފަހަރު އިހަވަންދޫގައި ހެދި ބަނދަރުގެ ބޮޑުމިނަކީ 13150 އަކަ މީޓަރެވެ. އެއަށްފަހު 2000 ވަނަ އަހަރުގެ ކުރީކޮޅު އިހަވަންދޫގެ ބަނދަރު ހެދިއެވެ. އެފަހަރު އެއްގަމު ތޮއްޓާއި ބޭރުތޮށި ހެދީ ސިމެންތި ބަސްތާ ޖަހައިގެންނެވެ. އެފަހަރު ހެދީ ގާތްގަނޑަކަށް ދިގުމިނުގައި 303 މީޓަރު އަދި ފުޅާމިނުގައި 77 މީޓަރު ހުންނަ ފަޅެކެވެ. ގާތްގަނޑަކަށް 23300 އަކަ މީޓަރުގެ ފަޅެކެވެ. ސުނާމީގައި ލިބުނު ގެއްލުމާއި، ބަނދަރުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން 2010 ވަނައަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަދުވަހު އަނެއްކާވެސް ބަނދަރު ހެދުމުގެ މަސައްކަތް ފެށުނެވެ. އެފަހަރުހެދި ބަނދަރުގެ ދިގު މިނުގައި 397 މީޓަރު އަދި ފުޅާމިނުގައި 90 މީޓަރު ހުރެއެވެ. އެއީ 35730 އަކަ މީޓަރެވެ. އެންމެފަހުން މިދިޔަ 2022 ވަނަ އަހަރު ނިންމި އިހަވަންދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ ދަށުން ހެދި ފަޅުގައި 56015 އަކަ މީޓަރު ހުންނާނެކަމަށް ލަފާކުރެވެއެވެ.

ކޮންމެ ސަރުކާރަކުންވެސް އިހަވަންދޫގައި ހިންގާ މައިގަނޑު އެއް ޕްރޮޖެކްޓަށް ބަނދަރު ވެގެންދާދިއުމަކީ އިހަވަންދޫގެ ތަރައްޤީއަށް އެކަމުގެ ނޭދެވޭ އަސަރު ކުރާކަމެއްކަމަށް ބައެއްމީހުން ބުނެއެވެ.