މަސްވެރިންގެ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް އިހަވަންދޫގައި ހަރަކާތްތަކެއް ހިންގަނީ

މުޙައްމަދު އަކުރަމް

މިއަހަރުގެ މަސްވެރިންގެ ދުވަސް އަތޮޅު ފެންވަރުގައި އިހަވަންދޫ ގައި ފާހަގަ ކުރުމަށް ހއ. އިހަވަންދޫ ކައުންސިލާއި، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ނިންމައިފިއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާޙް ވިދާޅުވީ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން، އަތޮޅު މަސްރޭސް، އަންހެން ކަނބަލުންގެ މަސްކެނޑުމުގެ މުބާރާތް، އަތޮޅު އެވޯޑް ޖަލްސާ، މަހުގެ ބާވަތްތައް ޕްރޮމޯޓް ކުރުމުގެ އިތުރުން މަސްވެރިންނަށް ހާއްސަކޮށް ޓްރެއިނިން ޕްރޮގްރާމެއް ހިންގުމަށް ނިންމާފައިވާ ކަމުގައެވެ. ސޮބާޙް މައުލޫމާތު ދެއްވިގޮތުގައި ޓްރެއިން ޕްރޮގްރާމް ފިޔަވާ އެހެން ހަރަކާތްތައް ހިންގާނެ  ތާރީޙްތައް މިހާރުވަނީ ކަނޑައަޅާފައެވެ.

ޑިސެންބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅު މަސް ރޭހުގައި އިހަވަންދޫގެ ސަރުކާރުގެ މުއައްސަސާތަކާއި، ކުންފުނި، ކްލަބް ޖަމިއްޔާތަކަށް ބައިވެރިވެވޭއިރު ހއ އަތޮޅުގެ ކޮންމެ ރަށެއްގެ ކައުންސިލްގެ ނަމުގައި ބައިވެރިވެވެއެވެ. އެމުބާރާތުގެ އެއްވަނަ ޓީމަށް 10 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ދެވަނަ ޓީމަށް 5 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން އެންމެގިނައިން މަސް ބާނާ ފަރާތަށް 1000ރ އަދި އެންމެ ބަރުމަސް ބާނާފަރާތަށް 1000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މަސްރޭހުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ 15 ޑިސެމްބަރ 2023 ވާ ހުކުރު ދުވަހުގެ 14:00 އެވެ.

ކަނބަލުންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ މަސްކެނޑުމުގެ މުބާރާތް އޮންނާނީ 30 ޑިސެމްބަރ ގައެވެ. ހއ އަތޮޅުގެ ރަށެއްގައި ރަށްވެހިވެފައިވާ 18 އަހަރުން މަތީގެ ކޮންމެ އަންހެން ކަނބަލަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ މިމުބާރާތުގެ އެއްވަނަ ފަރާތައް 3000ރ، ދެ ވަނަ ފަރާތައް 1500ރ އަދި ތިން ވަނައަށްދާ ފަރާތަށް 500ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މިމުބާރާތުގައިވެސް ބައިވެރިވުމުގެ ސުންގަޑިއަކީ 15 ޑިސެމްބަރ 2023 ވާ ހުކުރު ދުވަހުގެ 14:00 އެވެ.

މަސްވެރިންގެ ދުވަހަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ “މަސްވެރިންގެ ދުވަހުގެ އެވޯޑް 2023” އޮންނާނީ 30 ޑިސެންބަރުގައެވެ.  އެހަފުލާގައި ހއ އަތޮޅުގެ އެންމެ ޒުވާން ކެޔޮޅު، ހއ އަތޮޅުގެ އެންމެ ދުވަސްވީ ކެޔޮޅު އަދި ހއ އަތޮޅުގައި މަސްވެރިކަމުގައި އުޅުއްވާ ހާއްޞައެހީއަށް ބޭނުންވާ ފަރާތަށް އެވޯޑް ދޭނެއެވެ.

އަތޮޅު ފެންވަރުގައި މަސްވެރިންގެ ދުވަސް އިހަވަންދޫގައި ފާހަގަކުރަނީ، “މަސްވެރިންގެ ދުވަސް 2023 ” އަތޮޅު ފެންވަރުގައި ފާހަގަކުރާނެ ރަށެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހއ އަތޮޅު ކައުންސިލުން ހުޅުވައިލުމުން، އިހަވަންދޫ ކައުންސިލުން ހުށަހެޅި ޕްރޮޕޯސަލަށް ރިޔާއަތްކޮށެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސަބާޙް ވިދާޅުވީ، އިހަވަންދޫގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހިންގާ ހުރިހާ ހަރަކާތެއްވެސް ކުރިޔަށްދާނީ މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ކުލަބް ޖަމިއްޔާތަކާއި ގުޅިގެން ކަމުގައެވެ.