ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި މުހައްމާ، ހާޝިމް އަދި ނަސީރު ވާދަކުރަނީ

މުޙައްމަދު އަކުރަމް

ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި އިހަވަންދޫ ދާއިރާގެ ޓިކެޓަށް ވާދަކުރުމަށް ނިންމައި، މުހައްމަދު އަބްދުﷲ (މުހައްމާ)، ހާޝިމް މުހައްމަދު އަދި އަހްމަދު ނަސީރު ފޯމު ހުށަހަޅުއްވައިފިއެވެ.

ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް ދީފައިވާ ވަގުތު މިހާރު ހަމަވެފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި އިހަވަންދޫ ދާއިރާގެ ޓިކެޓަށް ވާދަކުރައްވަނީ މި ތިން ބޭފުޅުންނެވެ. ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ. ޕީޕީއެމް ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި ޕްރައިމަރީގައި ވޯޓު ލެވޭނީ މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ދެ ޕާޓީން ކުރެ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.

ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުގެ ޝަރުތު ހަމަކުރުމުގައި ބަލާނެ ކަންތައްތަކެއް ވަނީ ހާމަކޮށްފައެވެ. އެގޮތުން އެފަރާތަކީ އަބުރުވެރި ނަޒާހަތްތެރި ފަރާތެއް ކަމުގައިވުމާ، މަޖިލީހާއި ހާއްސަ މަޖިލީހުގެ ތަޖުރިބާ ލިބިފައިވާ މިންވަރާ، ގާނޫނުތަކާއި ގާނުނީއަސާސީއަށް ފަރިތަ މިންވަރުގެ އިތުރުން ޕާޓީއަށް ހިދުމަތްކޮށްފައިވާ މިންވަރަށް ބަލާނެކަމަށް ޕީޕީއެމް ޕީއެންސީން ހާމަކުރެއެވެ.