އައު ކައުންސިލްގެ 100 ދުވަހުގެ ތެރޭގައި ގޯތި ދީ ނިންމުމަށް އަމާޒު ހިފައިފި

ޢަބުދުﷲ ޙަމީދު

އައު ކައުންސިލްގެ 100 ދުވަހުގެ ތެރޭގައި ގޯތި ދީ ނިންމުމުގެ މަސައްކަތް އިހަވަންދޫ ކައުންސިލުން ފަށައިފި އެވެ.

[AD]

މިކައުންސިލްގެ 100 ދުވަހުގެ ތެރޭގައި ގޯތި ދީ ނިންމުމަށްޓަކައި ގެވަޅު ކޮމެޓީ އެކުލަވާލުމަށް ނިންމީ 13 ޖޫން 2016 ގައި ބޭއްވި އިހަވަންދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ 2 ވަނަ އާއްމު ބައްދަލުވުމުންނެވެ.

5 ޖުލައި ވަނަ ދުވަހުގެރޭ އިހަވަންދޫ ކައުންސިލުން ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ކައުންސިލްގެ ނިންމުންތަކާއި ކުރިއަށް ރޭވިފައިވާ ކަންތައްތައް ހާމަކޮށްދެއްވަމުން، އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ ކައުންސިލުން “ވަޢުދުވެފައިވާ ގޮތަށް އިރާދަކުރެއްވިއްޔާ 100 ދުވަސްތެރޭގައި ގޯތީގެ ކަންމުޑި އެޅޭ ހިސާބަށް އަޅުގަނޑުމެން މަސައްކަތް ކޮށްދޭނަން” ކަމަށެވެ.

ސިޔާސީ ފައިދާއެއް ނުވަތަ މަންފާއެއް ހޯދުމަށް، ގޯތި ދިނުން ލަސްނުކުރާނެ ކަން ހާމަ ކުރައްވަމުން މުޙައްމަދު ރަޝީދު ވިދާޅުވީ މިހާރު ލިބިފައިވާ 100 ގޯތި 100 ދުވަހުގެ ތެރޭގައި ދީ ނިންމުމަށްފަހު އަނެއްކާވެސް 100 ގޯތި ދޫކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

ގޯތި ދޫކުރުމަށްޓަކައި، ބޭނުންވާ ހުރިހާ މައުލޫމާތެއް އެއްކުރެވި، މިހާރު ކުރެވެމުންދަނީ ޕޮއިންޓް ދިނުމުގެ މަސައްކަތްކަމަށް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

ރައްޔިތުންނަށް ގޯތި ނުލިބި ލަސްވެގެން ގޮސްފައި ވަނީ ކައުންސިލްގެ އިހުމާލުންކަން ފާހަގަ ކުރައްވާ، އެކަން ތަފްސީލް ކޮށްދެއްވަމުން މުޙައްމަދު ރަޝީދު ފާހަގަ ކުރެއްވި ކަންތައްތަކަކީ:

  •  2011 ވަނަ އަހަރު އޮތް ފުރަތަމަ ކައުންސިލުން ގޯތި ދިނުމުގެ ހުއްދައަށް އެދުމުން މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ހުއްދަ ދެއްވީ 60 ގޯތި ދިނުމަށް.  ނަމަވެސް އޭރު ކުރި އިޢުލާނާ ގުޅިގެން ގޯތި ހޯދުމަށް ކުރިމަތިލީ ފަރާތްތަކުގެ ޢަދަދު 300 އަށް އަރާތީ އެއިރުގެ ކައުންސިލުން މަސައްކަތް ކުރެއްވީ ޝަރުތު ހަމަވާ އެންމެނަށް ގޯތި ދޭންކަމަށާ އެހެންވެ އިތުރަށް ހުއްދަ އަށް އެދުނު.
  •  ނަމަވެސް ހުއްދަ މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އިތުރުކޮށްދެއްވީ 40 ގޯތި، ޖުމުލަ 100 ގޯތި ދޫކުރުމުގެ ހުއްދަ.
  • ހުއްދަ ލިބުނު އަދަދަށް ގޯތި ދޫނުކުރެވި އޮއްވާ ފުރަތަމަ ކައުންސިލްގެ ދައުރު ނިމިގެން ގޮސް ދެވަނަ ކައުންސިލުން ކުރީގެ އިޢުލާނު އެއްކޮށް ބާތިލް ކޮށް 2016 ވަނަ އަހަރު އަންއްކާވެސް ގޯތި ދިނުމުގެ މަސައްކަތް ކުރަން ފެށި.
  • 2016 ވަނަ އަހަރު ކުރެވުނު މަސައްކަތުން އަނެއްކާވެސް މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ހުއްދަ ދެއްވީ ކުރިން ހުއްދަ ދީފައިވާ 100 ގޯތި ދޫކުރުމުގެ ހުއްދަ.
  • މިފަހަރު ކުރި އިޢުލާނަށް 400 އެއްހާ ފަރާތުން އެދިފައިވާއިރު، ކައުންސިލްގެ ދައުރު ނިމިގެން ދިޔައީ އެމަސައްކަތް ނުކުރެވި.

ނިމިދިޔަ ޖޫންމަހުގެ ތެރޭގައި މިނޫހަށް ދެއްވި ބަސްދީގަތުމެއްގައި ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވެފައި އިރާދަކުރެއްވިއްޔާ ކައުންސިލުން ނިންމާފައިވާ ގޮތަށް އެމުއްދަތުގެ ތެރޭގައި ގޯތިދީ ނިންމާލެވޭނެ ކަމަށެވެ. އިހަވަންދޫން ގޯތި ނުދެވިގެން އުޅެނީ ހއ. އަތޮޅު ކައުންސިލުގެ އިހުމާލުން ކަމަށްބުނެ، ނިމިދިޔަ ކައުންސިލް އިންތިހާބުގެ ކެމްޕޭން ތެރޭގައި އަޑުފެތުރިފައިވާތީ އެކަމާ ގުޅޭގޮތުން ސުވާލު ދެންނެވެމުން މުޙައްމަދު ރަޝީދު ވިދާޅުވީ ކައުންސިލާ ހަވާލުވެ ބެލި ބެލުމުގައި އަތޮޅު ކައުންސިލްގެ އިހުމާލެއް ފެންނަން ނެތް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށަކުން، މައުލޫމާތު އެއްކުރުމަށް ވަގުތު ނަގާނެ ކަން ފާހަގަ ކުރައްވާ މުޙައްމަދު ރަޝީދު ވިދާޅުވީ، ވަގުތު ނެގި ނަމަވެސް، “އަތޮޅުކައުންސިލުން ވަރަށް ފުރިހަމައަށް އެދުވަހުން ދުވަހަށް ލިބެންޖެހޭ މެސެޖު ރަށު ކައުންސިލާ” ހިއްސާކޮށްފައި ވާނޭ ކަމަށެވެ. ރަށުކައުންސިލުން އެ ލިޔެކިޔުންތައް ބަލައި ތަރުތީބު ކުރެވިފަ ވާތީ ނުފެންނަ ކަމަށާއި، އެކަން އެގޮތަށް ކުރެވިފަ ހުރިނަމަ ” މިއަދު ވާނީ ޕޮއިންޓު ދެވި ގޯތީގެ އިން ކަނޑާ ހިސާބަށް” ގޮސްފައި ކަމަށެވެ.

އެންމެ ފަހުން އިހަވަންދޫން ގޯތި ދޫކޮށްފައިވަނީ 2008 ވަނަ އަހަރު އެވެ. އެފަހަރު ދޫކޮށްފައިވަނީ 1600 އަކަފޫޓުގެ ގޯއްޗެވެ.