މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަވެއްދީ މުހައްމާގެ ސޮޔާއިއެކު!

މުޙައްމަދު އަކުރަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ދެންމެ ވައްދައިފިވާއިރު، އެމައްސަލާގައި އިހަވަންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުޙައްމަދު އަބްދުﷲ ސޮއެ ކުރައްވާފައިވާކަން ވަރަށް އިތުބާރުހުރި މަސްދަރަކުން މިނޫހަށް މައުލޫމާތުލިބިއްޖެއެވެ. މިމައްސަލާގައި މުޙައްމަދު އަބްދުﷲ އާއި އެކު ޕީޕީއެމްއަށް ނިސްބަތްވާ އިތުރު 10 މެމްބަރަކު ސޮއެކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މިއީ މަސީހުގެ މައްސަލަ މަޖިލީހަށް ވެއްދި ތިން ވަނަ ފަހަރެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ މާޗް 8، 2017 ގަ އެވެ. އެ ފަހަރު ހުށަހެޅި 26 މެމްބަރުންގެ ސޮޔާއެކު އެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅި ދުވަހު އިދިކޮޅު ފަރާތްތައް މަޖިލީހުން ބޭރުކޮށް، ރޯލް ކޯލް ވޯޓް ނަގައި މައްސަލަ ބޭރުކޮށްލި އެވެ. ދެ ވަނަ ފަހަރަށް މަސީހުގެ މައްސަލަ ހުށަހެޅީ 31 މެމްބަރުންގެ ސޮޔާއެކު އޭޕްރީލް 9 ގަ އެވެ. އެ ފަހަރު އެ މައްސަލަ މަޖިލީހުން ބޭރުކޮށްލީ، މަޖިލީހުގެ ގަވާއިދަށް ކުއްލިއަކަށް ގެނައި ބަދަލާއެކު އެވެ. ގަވާއިދަށް ގެނައި ބަދަލުގައި ބުނެފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު އެވެ.

އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު މުޙައްމަދު ޢަބްދުﷲ މަޖިލިހަށް އިންތިޚާބުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ކަމަށް ވިޔަސް، އެ ބޭފުޅާ ވަނީ 9 ޖުލައި 2014 ގައި ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އާ ގުޅިވަޑައިގެންފައެވެ. ރައްޔިތުންގެ މަޖިލީހުގެ މިހިނގާ ދައުރުގެ ސާފު މެޖޯރިޓީ ޕީޕީއެމްއަށް ލިބިގެންދިޔައީ މުޙައްމަދު ޢަބްދުﷲގެ ސޮޔާއި އެކުގައިކަން ފާހަގަކުރެވެއެވެ.