ޕޯލްސްޓަރގެ ޤުރްއާން މުބާރާތް ކާމިޔާބުކޮށް އުމްރާ ދަތުރު ރައުލާއަށް

ޢަބުދުﷲ ޙަމީދު

ނިމިދިޔަ ރަމަޟާންމަހު ކުލަބު ޕޯލްސްޓަރއިން ކުރިއަށްގެންދިޔަ އަލްމަރުޙޫމް ޢަބްދުﷲ ނައީމްގެ ހަނދާނުގައި ބޭއްވި އެކުލަބުގެ 16 ވަނަ ޤުރްއާން މުބާރާތުން 1 ވަނަ ހއ. އިހަވަންދޫ ރިހިދޯދި، މަރްޔަމް ރައުލާ ހޯދައިފިއެވެ.

ޕޯލްސްޓަރގެ ޤުރްއާން މުބާރާތުން އެންމެ މޮޅު ދަރިވަރަށް ހުށަހަޅާފައިވާ އުމްރާ ދަތުރު އަދި ވާދައިގެ ތަށި ރައުލާއަށް ހަވާލުކޮށްދެއްވީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އިއްޔެ ހަވީރު އިހަވަންދޫ ސްކޫލް ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި، އެރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދެވެ.

ދެބުރަކަށް ބަހައިލައިގެން ކުރިއަށްގެންދިޔަ ޤުރްއާން މުބާރާތުން 2 ވަނަ ހއ. އިހަވަންދޫ އާހިޔާ، މައީޝާ އަޙްމަދު ރަޝީދު ހޯދިއިރު މުބާރާތުގެ 3 ވަނަ ހޯދީ ހއ. އިހަވަންދޫ ބުލްބުލާގެ، ފާޠިމަތު ނަދުވާއެވެ.