ހއ. އިހަވަންދޫ ކައުންސިލުން އަޅާ ޕްރީސްކޫލް އެޅުމަށް ޔުނި ކޮމްޕެނީ އާއި ދެމެދު ވެފައިވާ އެއްބަސްވުން ބާތިލްކުރުމަށް އިހަވަންދޫ ކައުންސިލުން ނިންމާފައިވާއިރުދެން ޕްރީސްކޫލްއަޅަން ބަޔަކާއި ހަވާލުކުރާއިރު، މެނިފެސްޓޯގައި ވައުދުވެފައިވާގޮތަށް އަލުން އެތަން ފަރުމާކުރުމަށް މަސައްކަތް ކުރައްވާނެކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. މުއްމަދު ރަޝީދު މިހެންވިދާޅުވީ ކައުންސިލުން މިހާތަނަށް ނިންމާފައިވާ ބައެއް ނިންމުންތަކާއި ބެހޭގޮތުން އިހަވަންދޫ.ކޮމްއަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައެވެ.
އެމްޑީޕީގެ ކެނޑިޓޭޓުން ހުށަހެޅި މެނިފެސްޓޯގައި ޕްރީސްކޫލާ ގުޅުންހުރި ކަންކަން ބަޔާންކޮށްފައިވަނީ ތައުލީމާއި ތަމްރީން އަދި ވަޒީފާގެ ކެޓަގަރީގެ ތެރޭގައެވެ. އެމެނިފެސްޓޯގައި ވައުދުވެފައިވާ ވާގޮތުން ޕްރީސްކޫލް ތަރައްޤީ ކުރާނީ މަލްޓި ޕަރޕޯސް ސެންޓަރެއްގެ ގޮތުގައެވެ. ޕްރީސްކޫލް މަލްޓި ޕަރޕޯސް ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް އިމާރާތް އިތުރަށް ބޮޑުކުރުމަށްޓަކައި ޕްލޭން ބަދަލުކޮށް، ފަންޑް ހޯދައި އިމާރާތް ހަދައި ނިންމާނެކަމަށް މެނިފެސްޓޯގައި ވައުދުވެފައިވެއެވެ.
މަލްޓި ޕަރޕޯސް ސެންޓަރުގައި ސްކޫލް ޕްރިޕަރޭޓަރީ ޕްރޮގްރާމަކާއިއެކު ޕްރީސްކޫލެއް ހިންގާނެކަމަށް ވައުދުވެފައި އޮތްއިރު ރައްޔިތުންގެ މެދުގައި ފޮތްތެރިކަމަށް ލޯބިޖެއްސުމަށް ސްންޓްރަލް ލައިބްރަރީއެއް ޤާއިމްކުރާނެކަމަށްވެސް ވައުދުވެފައި އެބައޮތެވެ. މީގެ އިތުރުން މަލްޓި ޕަރޕޯސް ސެންޓަރުގައި ލެކްޗަރ ހޯލާއި ކުލާސްރޫމްތައް ވާޗުއަލް ފެސިލިޓީ އަދި މަލްޓިމީޑިއާ އިކްއިމެންޓްސް އާއި އިދާރީ އޮފީހާއި އެކު ގާއިމްކުރަން ވައުދުވެފައިވާއިރު ކައުންސިލުން އިސްނަގައިގެން އެކިކަހަލަ ކުރުމުއްދަތުގެ ކޯސްތަކާއި ވޯކްޝޮޕްތައް މަލްޓި ޕަރޕޯސް ސެންޓަރުގައި ހިންގާނެކަމަށް މެނިފެސްޓޯގައިވެއެވެ.
މިމަހުގެ 13 ވަނަ ދުވަހު އޮތް އިހަވަންދޫ ކައުންސިލްގެ ތިންވަނަ ދައުރުގެ ދެވަނަ އާއްމު ބައްދަލުވުމުން، ޕްރީސްކޫލް އެޅުމަށް ޔުނި ކޮމްޕެނީ އާއި ކައުންސިލާއި ދެމެދު ވެފައިވާ އެއްބަސްވުން ބާތިލްކުރުމަށް ވަނީނިންމާފައެވެ. ކައުންސިލްގެ ނިންމުމުގައިވަނީ ޕްރީސްކޫލް އިމާރާތުގެ އެގްރީމެންޓް ބާތިލްކޮށް، ކަންހިނގާފައިވާގޮތްބަލާ ދިރާސާކުރުމަށްފަހު އަލުން އިއުލާނުކޮށް ނުނިމިހުރި މަސައްކަތް ނިންމާށެވެ. ޔުނި ކޮމްޕެނީއާއި ޕްރީސްކޫލް އެޅުމަށް ހަވާލުކުރި އެއްބަސްވުމުގައި ސޮއެކުރީ 2015 ވަނައަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ. އެއެއްބަސްވުމުގައި ވާގޮތުން އެއެއްބަސްވުމުގައި ސޮއެކުރާތާ 270 ދުވަހުގެ ތެރޭގައި އިމާރާތްއަޅާ ނިންމަންޖެހެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްރީސްކޫލް ޢިމާރާތުގެ މަސައްކަތް ޔުނި ކޮމްޕެނީއާއި ހަވާލުކޮށްފައިވަނީ 14 ލައްކަ ރުފިޔާއަށެވެ.
އިހަވަންދޫ ކައުންސިލުން އެޅުމަށް މަސައްކަތްކުރުމުންދާ ޕުރީސުކޫލުގެ ބިންގާ އަޅާފައިވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހުއެވެ.