ކައުންސިލް އީދު ވަންޑޭކަޕްގެ ޗެމްޕިއަންކަން އެންވީކޭ ހޯދައިފި

މުޙައްމަދު އަކުރަމް

ފިތުރު އީދާއި ދިމާކޮށް އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ޔުނައިޓެޑް ޔޫތްގެ އެހީތެރިކަމާއިއެކު ކުރިޔަށް ގެންދިޔަ  “ކައުންސިލް އީދު ވަންޑޭ ކަޕް”ގެ ޗެމްޕިއަންކަން އެންވީކޭ ހޯދައިފިއެވެ. އެންވީކޭ މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިރޭ އިހަވަންދޫ ފުޓްސަލް ދަނޑުގައި ކުޅުނު މިމުބާރާތުގެ ފައިނަލް މެޗުގައި ކްލަބް އިރަމާއާއި ވާދަކޮށް 4 ލަނޑު 0 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.

ޖުމްލަ 17 ޓީމެއް ބައިވެރިވި މިމުބާރާތުގެ ފައިނަލަށް އެންވީކޭ ދަތުރުކުރީ މިއަދު ހަވީރު ކުޅުނު ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ޗެންސިޓީގެ މައްޗަށް ކުރި ހޯދައިގެންނެވެ. ކްލަބު އިރަމާ މިމުބާރާތުގެ ފައިނަލަށް ދަތުރުކުރީ މިއަދު ހަވީރުކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗްގައި އެމްއެފްގެ މައްޗަށް ކުރިހޯދައިގެންނެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމް އެންވީކޭއަށް 5000ރ ގެ ފައިސާގެ އިނާމެއް ދީފައިވާއިރު މިމުބާރާތުގެ ދެވަނަ ޓީމްކަމަށްވާ ކްލަބް އިރަމާއަށް 1000ރ ގެ ފައިސާގެ އިނާމެއް ދީފައިވެއެވެ.