މަސްޖިދުލް އަބޫބަކުރު ސިއްދީޤު ރަޟިޔަﷲ އަންޙް ހުޅުވައިފި

ޢަބުދުﷲ ޙަމީދު

އާންމު ފަރާތެއް ކަމަށްވާ ހއ. އިހަވަންދޫ ރަންކޮކާގެ އަލްފާޟިލް މުޙައްމަދު ބަސީރު، އިހަވަންދޫގައި އިމާރާތް ކޮށްފައިވާ މިސްކިތެއްކަމުގައިވާ މަސްޖިދުލް އަބޫބަކުރު ސިއްދީޤު ރަޟިޔަﷲ އަންޙް މިއަދު ހުޅުވައިފިއެވެ. މިމިސްކިތް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރު 11:15 ގައެވެ.

މިމިސްކިތް ހުޅުވައި ދެއްވާފައިވަނީ އިސްލާމިކު މިނިސްޓަރ އައްޝެއިޙް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރާއި މިސްކިތް ޙަވާލުކުރުން އޮތެވެ. މިސްކިތް ޙަވާލުކުރިކަމުގެ ލިޔުން ޙަވާލުކޮށްދެއްވީ އަލްފާޟިލް މުޙައްމަދު ބަސީރު އެވެ. އެ ލިޔުމާއި ޙަވާލުވެލެއްވީ އިހަވަންދޫކައުންސިލް އިދާރގެ ޒިންމާދާރުވެރިޔާ އަލްފާޟިލް މުޙައްމަދު އިބުރާހިމް އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އައްޝެއިޙް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފާހަގަ ކުރެއްވި ގޮތުގައި މިބިންމަތީގައި އަޅުކަންކުރުމަށްޓަކައި ބިނާއެއް ކުރުމަކީ މާތްﷲ އެމީހަކަށް ވަރަށް މަތިވެރި ދަރަޖައަކާއި ސަވާބެއް ދެއްވާކަމެއްކަމަށް ފާހަގަ ކުރައްވާ ރަސޫލާގެ ހަދީޘާއި ކީރިތި ޤުރުއާނުން ދަލީލު ދައްކާ އެކަމުގެ މަތިވެރި ސަވާބުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދެއްކެވިއެވެ.

މިރަސްމިއްޔާތަށްފަހު މިނިސްޓަރު ވަނީ މިސްކިތް ބައްލަވާލައްވާފައެވެ. މަސްޖިދުލް އަބޫބަކުރު ސިއްދީޤު ރަޟިޔަﷲ އަންޙް ގައި މިއަދު އިމާމުވެ ހުކުރުކޮށްދެއްވާފައި ވަނީވެސް މިނިސްޓަރ އައްޝެއިޙް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. މިއަދުގެ ހުކުރު ނަމާދުގައި ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވެފައިވާކަން ފާހަގަ ކުރެވެއެވެ. މިގޮތުން މިސްކިތުގެ އެތެރެއާއި އަންހެން ބޭފުޅުންނަށް މިސްކިތުގެ ކަނާތްފަރާތުން ތައްޔާރުކޮށްފައިވާ ބައި ފުރި މިސްކިތުގެ ގޯތިތެރޭގައިވެސް ސަފުހަދާފައި ވެއެވެ.

މުޙައްމަދު ބަސީރު މިމިސްކިތް އެޅުމުގެ މަސައްކަތް ފަށާފައިފައި ވަނީ މީގެ 3 އަހަރު ކުރިންނެވެ. ނަމަވެސް އެކިފަހަރުމަތިން އަތްމަތި ދަތިވުމާއި ކޮންޓެކްޓަރުންގެ މަސައްކަތް ލަސްވުންފަދަ ތަފާތު ސަބަބުތަކާހުރެ މިސްކިތް ހުޅުވުން ލަސްވީކަމަށް މުޙައްމަދު ބަސީރު މީޑިއާއަށް މަޢުލޫމާތު ދެއްވިއެވެ. ދެޖިންސުގެ ބޭފުޅުންނަށް ނަމާދުކުރެވޭނޭ ގޮތަށް ފަރުމާ ކޮށްފައިވާ މި މިސްކިތުގައި  އެތެރެބާގައި 400 މީހުންގެ ޖާގަ ވާއިރު މިސްކިތާއި އިންވެގެން މިސްކިތުގެ ކަނާތްފަރާތު ގައި އަންހެން ބޭފުޅުންނަށް ހާއްސަކޮށްގެން ހަދާފައިވާ ބާގައި 70 މީހުންގެ ޖާގަ ވެއެވެ.