ޕްރީސްކޫލް އެއްބަސްވުން ބާތިލްކުރަން ނިންމައިފި

މުޙައްމަދު އަކުރަމް

ހއ. އިހަވަންދޫ ކައުންސިލުން އަޅާ ޕްރީސްކޫލް އެޅުމުގެ މަސައްކަތް ކުރުމަށް ޔުނި ކޮމްޕެނީ އާއި ދެމެދު ވެފައިވާ އެއްބަސްވުން ބާތިލްކުރުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. ޕްރީސްކޫލް އެޅުމަށް ޔުނި ކޮމްޕެނީ އާއި ކައުންސިލާއި ދެމެދު ވެފައިވާ އެއްބަސްވުން ބާތިލްކުރުމަށް ނިންމާފައިވަނީ ޖޫން 13 ވަނަ ދުވަހު އޮތް އިހަވަންދޫ ކައުންސިލްގެ ތިންވަނަ ދައުރުގެ ދެވަނަ އާއްމު ބައްދަލުވުމުންނެވެ.

ކައުންސިލްގެ ނިންމުމުގައިވަނީ ޕްރީސްކޫލް އިމާރާތުގެ އެގްރީމެންޓް ބާތިލްކޮށް، ކަންހިނގާފައިވާގޮތްބަލާ ދިރާސާކުރުމަށްފަހު އަލުން އިއުލާނުކޮށް ނުނިމިހުރި މަސައްކަތް ނިންމަށެވެ. ޔުނި ކޮމްޕެނީއާއި ޕްރީސްކޫލް އެޅުމަށް ހަވާލުކުރި އެއްބަސްވުމުގައި ސޮއެކުރީ 2015 ވަނައަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ. އެއެއްބަސްވުމުގައި ވާގޮތުން އެއެއްބަސްވުމުގައި ސޮއެކުރާތާ 270 ދުވަހުގެ ތެރޭގައި އިމާރާތްއަޅާ ނިންމަންޖެހެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްރީސްކޫލް ޢިމާރާތުގެ މަސައްކަތް ޔުނި ކޮމްޕެނީއާއި ހަވާލުކޮށްފައިވަނީ 14 ލައްކަ ރުފިޔާއަށެވެ.

ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ އެއްބަސްވުން ބާތިލްކުރީ އެގްރީމަންޓްގައި މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތު ފަހަނައަޅާގޮސް އެތައްދުވަހެއް ވީއިރުވެސް މަސައްކަތް ނުނިމުނުގެ ސަބަބުން ކައުންސިލަށާއި މަސައްކަތްކުރާ ފަރާތަށްވެސް ގެއްލުންތަކެއް ވާނެކަމަށް ފެންނާތީކަމުގައެވެ. އިތުރަށް މުހައްމަދު ރަޝީދު ވިދާޅުވީ އެގްރީމެންޓާއި ގުޅިގެން އެއްވެސްކަމެއް ގޯސްކޮށް ހިނގާފަވާނަމަ އެކަމެއް ބަލައި ގޯސްކޮށް ކަންތައް ކޮށްފައިވާ ފަރާތްތަކާއި މެދު ފިޔަވަޅުއެޅުމަށް ކައުންސިލުން މަސައްކަތް ކުރައްވާނެކަމަށެވެ. “އެފަރާތަށް ދޭންޖެހޭ އެއްޗެއް އޮވެއްޖެނަމަ، އެފަރާތަށް ކައުންސިލުން ދޭންޖެހޭ އެއްޗެއްދިނުން ނުވަތަ އެފަރާތުން ކައުންސިލަށް ދޭންޖެހޭ އެއްޗެއް އޮވެއްޖިއްޔާ އެއެއްޗެއް ހޯދަން ކައުންސިލުން މަސައްކަތް ކުރާނެ. އަދި މީގައި އިހުމާލުވަނީ ކޮންފަރާތްތަކެއްތޯ ބެލުމުގެ މަސައްކަތްވެސް ކައުންސިލުންކުރާނެ” މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ ބޮޑަށް ބޭނުންވަނީ ޕްރީސްކޫލެއްގެ ފަސޭހަތައް ރައްޔިތުންނަށް އަވަހަށް ލިބޭނެގޮތަކަށް މަސައްކަތްކުރުން ކަމަށާއި ކުރަންޖެގޭ ދިރާސާކޮށް ނިންމާލުމަށްފަހު ވީހާވެސް އަވަހަށް ނުނިމިހުރި މަސައްކަތްތައް ކުރުމަށް އަލުން އިއުލާނުކޮށް ހަރުދަނާ އުސޫލެއް ހެދިގެން ހަރުދަނާ އެގްރީމެންޓެއްގެ ދަށުން ބަޔަކާ ހަވާލުކުރާނެ ކަމުގައެވެ.

އިހަވަންދޫ ކައުންސިލުން އެޅުމަށް މަސައްކަތްކުރުމުންދާ ޕުރީސުކޫލުގެ ބިންގާ އަޅާފައިވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހުއެވެ.