އިސްމާއިލްގެ މަރު: މައްސަލައާ ގުޅުންހުރި ގިނަ އަދަދެއްގެ ފައިސާ ފުލުހުން ހޯދައިފި

ޢަބުދުﷲ ޙަމީދު

މިދިޔަ ހުކުރު ދުވަހު ހަވީރު 4:15 ގައި އިހަވަންދޫ އައިސް ޕުލާންޓު ތެރޭގައި ގިނަ ޒަހަމުތަކަކާއި އެކު މަރާލާފައި އޮއްވާ ފެނުނު އިސްމާއިލް އުމަރު (54) ގެ މަރުގެ މައްސަލައާއި ގުޅުންހުރި ގިނަ އަދަދެއްގެ ފައިސާ ފުލުހުން މިއަދު ހޯދައިފިއެވެ.

މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އިސްމާއިލް އުމަރުގެ މަރުގެ މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައި ތިބި 6 ބިދޭސީންގެ ތެރެއިން 2 މީހަކު މިއަދު އިހަވަންދޫއަށް ގެނެސް، ފުލުހުން ވަނީ ރަށުގެ އެކި ސަރަހައްދު ބަލާ ފާސްކޮށްފައެވެ.

މިގޮތުން މިއަދު ބަލާ ފާސްކުރި ތަންތަނުގެ ތެރެއިން، އިހަވަންދޫގެ އިރުމަތީ ފަރާތު އަތިރިމަތީގައި އޮތް، ސަފާރީއަކުން ވަނީ ގިނަ އަދަދެއްގެ ފައިސާތަކެއް ފުލުހުން ހޯދާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުން ހައްޔަރުކޮށްފައިވާ 2 ބިދޭސީންގެ ހާޒިރުގައި، ބަންނަމުންދާ ސަފާރީން ފައިސާ ހޯދާފައި ވަނީ ސަފާރީގެ ދެވަނަ ބުރިންނެވެ. ފައިސާތަށް ހުރީ ކޮތަޅު ތަކެއްގައި ބަންދު ކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ. މިހާރުވެސް ބަނދުމުގެ މަސައްކަތް ކުރަމުންދާ މިސަފާރީގައި މިދުވަސްކޮޅު ކުރަމުންދަނީ އިންޖީނު ރޫމުގެ މަސައްކަތްތައް ކަމަށް ވެއެވެ.

އިސްމާއިލް އުމަރު އާއި ގާތް ގުޅެމެއް އޮންނަ ފަރާތަކުން މިނޫހަށް މައުލޫމާތު ދިންގޮތުގައި އިސްމާއިލް އަށް މަހެއްގެ މައްޗަށް 14000 ރުފިޔާގެ މުސާރައެއް ލިބޭއިރު، އޭނާ އަކީ ބޭންކަން ފައިސާ ޖަމާކުރާ މީހެއް ނޫނެވެ. އަދި އިސްމާއިލް އަކީ ހަރަދު ބޮޑު ދިރިއުޅުމެއް އުޅެމުންދާ މީހަކަށް ނުވާތީ، އޭނާގެ އަތުގައި ގިނަ އަދަދަކަށް ފައިސާ ހުންނާނެ ކަމަށް ބެލެވޭ ކަމަށް އެފަރާތުން މިނޫހަށް މައުލޫމާތު ދީފައި ވެއެވެ.

އިސްމާއިލް އުމަރުގެ މަރުގެ މައްސަލާގައި ފުލުހުން 6 ބިދޭސީ އަކު ހައްޔަރު ކޮށްފައިވާއިރު، އެމީހުން ތަހުގީގަށް ބައިތިއްބާފައި ތިބީ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަންގަ އެވެ. މިއަދު އިހަވަންދޫއަށް ގެނަ ދެ ބިދޭސީންގެ ތެރޭގައި، އިސްމާއިލް އުމަރު މަރާލި ކަމަށް އެއްބަސްވެފައިވާ ޝުމޮން މިއާ ހިމެނޭ ކަން ވަނީ މިނޫހަށް ކަށަވަރު ނުކުރެވިފައެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވެފައި ވަނީ، މިއީ ތަހުގީގު ކުރިޔަށްދާ މައްސަލައަކަށްވާތީ، މައްސަލައިގެ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.