މިއަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތެއްގައި ކުރެވޭތޯ މަސައްކަތް ކުރަނީ

ޢަބުދުﷲ ޙަމީދު

އިހަވަންދޫގައި މި އަހަރުގެ ފިތުރު އީދު ނަމާދު ހުސްބިމެއްގައި އެއް ޖަމާއަތެއްގައި ކުރެވޭ ތޯ މަސައްކަތް ފަށައިފި އެވެ.

ފިތުރު އީދު ނަމާދު އެއްޖަމާއަތެއްގައި ކުރުމަށް ޖޫން 13 ވަނަ ދުވަހު އޮތް އިހަވަންދޫ ކައުންސިލްގެ ތިންވަނަ ދައުރުގެ ދެވަނަ އާއްމު ބައްދަލުވުމުން ނިންމުމާއި ގުޅިގެން، އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ފަށާފައި ވާކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ. އެގޮތުން ފިތުރު ޢީދު ނަމާދު ކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތްތައް ކައުންސިލް މެމްބަރުންގެ މެދުގައި ބަހާލާފައިވާކަން ފާހަގަކުރައްވާ މުޙައްމަދު ރަޝީދު ވިދާޅުވީ މިދިޔަ ހޯމަ ދުވަހު އިހަވަންދޫގެ އެކިއެކި މުވައްސަސާތަކުގެ ވެރިންނާއި ރަށުގައި ހަރަކާތްތެރިވެ އުޅޭ 2 ޖަމިއްޔާގެ ވެރިންނާއި ކައުންސިލުން ބައްދަލުކުރައްވާ އެފަރާތްތަކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށެވެ.

މިކަމަށްޓަކައި މިހާރު އިސްލާމިކު މިނިސްޓުރީގެ ހުއްދައަށް އެދިފައި ވާނެކަން ފާހަގަ ކުރައްވައި ހުއްދަ ލިބިއްޖެ ނަމަ، އިރާދަކުރެއްވިއްޔާ ފިތުރު ޢީދު ދުވަހު، ފިތުރުޢީދު ނަމާދު އެއްޖަމާއަތެއްގައި ކުރެވޭނެ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. މިފަދަ ކަންތައްތަކަކީ އިސްލާމިކު މިނިސްޓުރީންވެސް ވަރަށް ބޮޑަށް އެއްބާރުލުން ދެއްވައި ކަމެއްކަން ފާހަގަ ކުރައްވާ، މުޙައްމަދު ރަޝީދު އިތުރަށް ވިދާޅުވީ ” އަޅުގަނޑުމެންގެ ވިސްނުމަކީ ހަމަ ހުރިހާ މުވައްސަސާތަކާއި ޖަމިއްޔާތަކާ ގުޅިގެން ފިތުރު ޢީދު ނަމާދު އެއްޖަމާއަތެއްގައި ކުރުން” ކަމަށެވެ.

ބޮޑުޖަމާއަތުގައި ކުރާ ޢީދު ނަމާދު ކުރުމަށް ކައުންސިލުން ނިންމާފައި ވަނީ އިހަވަންދޫ ހުރަވީ ފުޓުބޯޅަ ދަނޑުގައެވެ.