މިމަހުގެ 18 ވަނަދުވަހު އިހަވަންދޫ ކައުންސިލްގެ ކުއްލި ބައްދަލުވުމުން ނިންމި ނިންމުމަކީ ޤާނޫނީ ގޮތުން ބާތިލު ނިންމުމެއް ކަމަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީއިން ނިންމާފައިވާތީ، އެލްޖީއޭގެ ނިންމުން ޤަބޫލުކޮށް އިހަވަންދޫ ކައުންސިލުން ނޫސް ބަޔާނެއް ނެރެފިއެވެ. އިހަވަންދޫ ކައުންސިލުން މިއަދު ނެރެފައިވާ ނޫސްބަޔާނުގައިވަނީ ކައުންސިލްގެ ނިންމުމަކީ ރައްޔިތުންގެ ވިންދާއި އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމުގައިވިއަސް އެލްޖީއޭއިން އެނިންމުން ބާތިލްކޮށްފައިވާތީ، ކައުންސިލްގެ ނިންމުމަކީ ބާތިލް ނިންމުމެއްކަން ޤަބޫލުކޮށް ހުރިހާ ރައްޔިތުންގެ ސަލާމަތަށްޓަކައި އެކަން އަންގާ ކަމުގައެވެ.
ކައުންސިލްގެ ނޫސް ބަޔާނުގައި ވާގޮތުން ރައްޔިތުންނަށްޓަކައި ކައުންސިލުން އެނިންމުން ނިންމަންޖެހުނީ، ކުނިއުކަންދާ އަންހެންކުދިންނާއި ފޮށުމަށް ބައިހަދައިގެން އެސަރަހައްދުގައި ބިދޭސީން ތިބުމާއި، ރަށުގެ ބަނދަރު ތޮށިމަތީ ބައިހަދައިގެން މަސްބާނަން ތިބުމާއި، ކަންކަންމަތީ ގްރޫޕްހަދައިގެންތިބެ ރައްޔިތުންނަށް މައްލަވަކުރުމާއި، ރޭގަނޑު ނުނިދާ ރަށުތެރޭ ސަކަރާތުގައި ވަގުތު ހޭދަކުރުމާއި، ރުއްރުކުން ވެރޭ ކާށި ވިއްކައިގެން އޭގެން ނަފާހޯދާއިރު ރުއްރުކުގެ ވެރިންގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައިވުމާއި، ގަވާއިދާ ހިލާފަށްއުޅޭ ބިދޭސީންގެ ސަބަބުން ނުކުމެދާނެ ނުރައްކާތެރި ކަންކަމުގެ މައްޗަށް ވިސްނައި، މިފަދަ ދަނޑިވަޅެއްގައި ރައްޔިތަކު ޖަޒްބާތުވެ ހިންގާފާނެ ނޭއްގާނީ އަމަލަކުން ބިދޭސީއަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމުގެ އިތުރުން ޒުވާންޖީލު ހަލާކުވެ ހީނުކުރާ ވަރުގެ ގެއްލުންތަކެއް ރައްޔިތުންނަށް ލިބިދާނެތީކަމަށެވެ. ކައުންސިލްގެ ބަޔާން ނިންމާލާފައިވަނީ ރަށުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރިއަށް ދެވެންހުރި މަގުތަށް ކޮށައި، ވާންޖެހުނު ވާންޖެހުނު ކޮންމެ ޤުރުބާނެއް ވުމުގައި ކުރިޔަށް ދޭނެކަމުގެ ޔަޤީންކަން ދެމުންނެވެ.
އިހަވަންދޫ ކައުންސިލުން އާދިއްތަ ދުވަހު ބޭއްވި ކުއްލި ބައްދަލުވުމުގައި ވަނީ އިހަވަންދޫގައި ބިދޭސީން އަމަލުކުރަންޖެހޭނެ ކަންތައްތަކެއް ކަނޑައަޅާފަ އެވެ. އިހަވަންދޫ ކައުންސިލްގެ ނިންމުމުގައި މައިގަނޑު ހަ ކަމެއް ބިދޭސީންނަށް ވަނީ މަނާކޮށްފަ އެވެ. އެއީ ރޭގަނޑު 10:00 ގެ ފަހުން ގެއިން ބޭރުގައި އުޅުމާއި ހުކުރު ދުވަހުގެ މެންދުރު ފަހު 2:00 އިން ފެށިގެން 5:30 އާ ދެމެދު ފިޔަވައި އެހެން ގަޑިތަކުގައި ބިދޭސީން ގްރޫޕް ހަދައިގެން އުޅުމާއި ކައުންސިލްގެ ބާރު ހިނގާ ސަރަހައްދުން މަސްވެރިކަން ކުރުމާއި ރަށުގެ ވަލުން ކާށްޓާއި ދަރާއި ފަން ފަދަ ތަކެތި ހޮވުމާއި ކުނި އުކާލަން ފިޔަވައި އެހެން ބޭނުމަކު ބިދޭސީން ރަށުގެ ކުނިގޮނޑަށް ދިއުމާއި ދައުވަތު ނުދޭ ހަފުލާތަކަށް ދިއުމެވެ.