ހައްޔަރުކުރީ އައިސްޕުލާންޓުގައި މަސައްކަތްކުރާ ބިދޭސީމީހާ

ޢަބުދުﷲ ޙަމީދު

މިއަދު ހަވީރު 4:15 ގައި އިހަވަންދޫ އައިސް ޕުލާންޓު ތެރޭގައި ގިނަ ޒަހަމުތަކަކާއި އެކު މަރާލާފައި އޮއްވާ ފެނުނު އިސްމާއިލް އުމަރު ގެ މަރުގެ މައްސަލާގައި މިރޭ ހައްޔަރު ކޮށްފައިވަނީ އެތަނުގައި މަސައްކަތްކުރާ ބިދޭސީމީހާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އައިސްޕުލާންޓުގައި ވަޒީފާ އަދާކުރަމުން ދަނީ 4 ދިވެހިންނާއި ބަނގުލަދޭސް މީހެކެވެ. އޭގެ ތެރެއިން 2 މީހުންނަކީ އިހަވަންދޫގެ 2 މީހުންނެވެ. ދެންތިބި ދިވެހިންނަކީ ދެކުނުގެ އަތޮޅުގެ ރަށެއްގެ މީހަކާއި މަރާލާފައި އޮއްވާ ފެނުނު ޅ. ހިންނަވަރު އިސްމާއިލް އުމަރު އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު މިރޭ މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މައްސަލާގައި މިހާރު ބިދޭސީއަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައި ވާ ކަމަށެވެ. މިނޫހަށް އެނގިފައިވާ ގޮތުގައި ހައްޔަރު ކޮށްފައި ވަނީ އައިސްޕުލާންޓުގައި މަސައްކަތްކުރާ ބިދޭސީ މީހާއެވެ. އޭނާ ވަނީ މީގެ އެއްދުވަސް ކުރިން އެތަނުން ފިލާފަ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ރޭ 2:30 ހާއިރު އިހަވަންދޫ އާއި ކައިރި ރަށަކުން ބަޔަކާއިއެކު އޭނާ އިހަވަންދޫއަށް އައި ކަމަށާއި ރަށުން އެނބުރި ދިޔައީ ހެނދުނު ކަމަށް އޭނާ ދުއް ބައެއް މީހުން ބުނެއެވެ.

މިމީހާ ހައްޔަރު ކޮށްފައި ވަނީ ހދ. ކުޅުދުއްފުށީގައި ހުއްޓައެވެ.

މިމައްސަލާގައި އިތުރު 2 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވާހަކަ ދެކެވެމުން ދިޔަނަމަވެސް، ފުލުހުން މިކަން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ފުލުހުން ވިދާޅުވަނީ ތަހުގީގު ކުރިޔަށްދާތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.

އިސްމާއިލްގެ ހަށިގަނޑު މިއަދު ފެނުނުއިރު ގިނަ ޒަހަމުތަކަކާއި އެކު އޮތް އިރު ކަރުގައި ވަނީ ވާފަށެއް ކަހަލަ އެއްޗެއް އައްސާފައެވެ.  އިސްމާއިލްގެ ހަށިގަނޑު މި ވަގުތު އޮތީ އިހަވަންދޫ ސިއްހީމަރުކަޒުގައެވެ. އިސްމާއިލް ހިނެވުމުގެ މަސައްކަތް އިހަވަންދޫ ކައުންސިލް އިދާރާއިން ކުރަމުން ދާއިރު އޭނާގެ އާއިލާގެ މީހުން މިހާރު އިހަވަންދޫއަށް އައުމަށް ދަތުރު ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.