ބަރަކާތްތެރި ރަމަޟާންމަހުގެ ދުވަސްތައް ދިރުވައި އާލާކޮށް، ދަރިވަރުންނަށް ޤުރްއާން ކިޔެވުމާއި އަޑުއެހުމުގެ ފުރުޞަތު އިތުރަށް ތަނަވަސްކޮށްދިނުމުގެ މަޤުޞަދުގައި އިހަވަންދޫ ސްކޫލުން ބޭއްވި ރަމަޟާންމަސް އިހުޔާކުރުމުގެ ޤުރްއާން މުބާރާތުން 1 ވަނަ ހއ. އިހަވަންދޫ، މަންޒިލް ފާޠިމަތު ރާޔާ ރައުފު ހޯދައިފިއެވެ.

ޖޫން 9 ން 10 އަށް ކުރިޔަށްދިޔަ މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު ހަވީރު ބޭއްވުނު ރަސްމިއްޔާތުގައި މުޅި މުބާރާތުން 2 ވަނަ ހއ. އިހަވަންދޫ، އާހިޔާ މައީޝާ އަޙްމަދު ރަޝީދު ހޯދިއިރު މުޅި މުބާރާތުން 3 ވަނަ ހޯދީ ހއ. އިހަވަންދޫ، އަމާޒް އިބްރާހީމް އައުސް އެވެ.

މުބާރާތުގެ ދެ ގޮފިން (ފޮތުން އަދި ހިތުން ކިޔެވުމުގެ ގޮފި) އުމުރުފުރާތަކުން އަށް ދަރިވަރަކު 1 ވަނަ ހޯދާފައިވެއެވެ. އަދި ފަސް ދަރިވަރަކު 2 ހޯދާފައިވާއިރު އުމުރުފުރާތަކުން 3 ވަނަ ހޯދާފައިވަނީ ހަތަރު ދަރިވަރުންނެވެ.

މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ ހިފުޒުކޮށް ތަރާވީޙު ނަމާދު ކުރުމަށް ޕާކިސްތާނުން ގެނެސްފައިވާ 3 ޙާފިޡުންނެވެ.
