ދެންވެސް ގޮތް ނިންމާނީ ރައްޔިތުންނެވެ.

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލްގެ ތިންވަނަ ދައުރުގެ ރައީސަކަށް، ހއ.އިހަވަންދޫ ރާނާގޭ އަލްފާޟިލް މުޙައްމަދު ރަޝީދު  އަދި ނައިބުރައީސަކަށް، ހއ.އިހަވަންދޫ އެންދެރިމާގޭ ޢަލީ ރަމީޒް ހޮވައިފިއެވެ. ކައުންސިލްގެ ރައީސް އަދި ނައިބުރައީސް ހޯވާފައިވަނީ، އިހަވަންދޫ ކައުންސިލްގެ ތިންވަނަ ދައުރަށް ހޮވުނު ކައުންސިލަރުން ހުވާކުރުމަށް ފަހު ބޭއްވި، ކައުންސިލްގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ.

ކައުންސިލްގެ ރައީސްއާއި ނައިބްރައީސްކަމަށް ކުރިމަތިލާފައިވަނީވެސް ހަމައެކަނި މިދެބޭފުޅުންނެވެ. ކައުންސިލްގެ ރައީސްކަމަށް މުހައްމަދު ރަޝީދު އަދި ނައިބު ރައީސްކަމަށް އަލީ ރަމިޒް ހޮވިފައިވަނީ ކައުންސިލްގެ އިއްތިފާގުންނެވެ.

އިހަވަންދޫ ކައުންސިލްގެ ފުރަތަމަ ދައުރަށް އިންތިހާބުކުރީ ފަސްކައުންސިލަރުން ނަމަވެސް، ކައުންސިލްގެ ދެވަނަ ދައުރަށް ހަތްކައުންސިލަރުން އިންތިހާބުކޮށްފައި ވެއެވެ. ނަމަވެސް ކައުންސިލްގެ ތިންވަނަ ދައުރަށް އިންތިހާބު ކޮށްފައިވަނީ އަނެއްކާވެސް ފަސް ކައުންސިލަރުންނެވެ.

އަލީ ރަމީޒަކީ އިހަވަންދޫ ކައުންސިލުގެ 3 ދައުރަށް އިންތިހާބުވި ހަމައެކަނި ކައުންސިލަރަށްވާއިރު، މުހައްމަދު ރަޝީދަކީ ވޭތުވެދިޔަ ދެ ދައުރުގައި ހއ އަތޮޅު ކައުންސިލަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މުހައްމަދު ރަޝީދުވަނީ ހއ އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަމާއި ރައީސްކަންވެސް ކުރައްވާފައެވެ.