އިމަގު ޖަމިއްޔާއިން ނަސްރުމިސްކިތުގައި ކާޕެޓު އަޅައި އޭސީ ކޮށްފި

ޢަބުދުﷲ ޙަމީދު

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު ޖަމިއްޔާ) އިން އިހަވަންދޫ ނަސްރު މިސްކިތުގައި ކާޕެޓު އަޅައި އެ މިސްކިތް އޭސީ ކޮށްފި އެވެ.

ކޮންމެ އަހަރެއްގެ ވެސް ރަމްޟާން މަހާ ދިމާކޮށް އިމަގު ޖަމިއްޔާއިން އަންނަނީ ރަށުގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތުގައި ބައިވެރި ޢަމަލީގޮތުން މަސައްކަތް ކުރަމުން ނެވެ.

މިގޮތުން މިއަހަރުގެ ރަމްޟާންމަހާ ދިމާކޮށް އިމަގު ޖަމިއްޔާއިން ވަނީ އިހަވަންދޫ ނަސްރު މިސްކިތުގެ އާބާތުރަ ފިލުވުމަށް ބޭނުންވާ އެންމެހާ މަސައްކަތްތައް އެޖަމިއްޔާގެ ފަރާތުން ކޮށްފަ އެވެ.

އިހަވަންދޫޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން އިމަގުޖަމިއްޔާގެ ރައީސް އަލްފާޟިލް މޫސާ އަލީ ވިދާޅުވީ، ޖުމުލަގޮތެއްގައި ބުނާނަމަ، ނަސްރުމިސްކިތުގަ މިވަގުތަށް ހުރި އާބާތުރަ ފިލުވުމުގެ އެންމެހާ މަސައްކަތްތައް މިހާރު އެހުރީ ކޮށް ނިމިފައި ކަމަށެވެ. މިއަދު ކުރެވެމުން އެދަނީ މިސްކިތު ގޯތިތެރޭ އަތުރާފަ ހުރި ގާ ތަކުގައި ކުލަ ލުމުގެ މަސައްކަތްކަން ފާހަގަ ކުރައްވާ، މޫސާ ޢަލީ ވިދާޅުވީ ނަސްރު މިސްކިތުގެ ލައިޓުތައް ބަދަލު ކުރުމާއި، ބިއްލޫރި ގަސްތައް ބަދަލު ކުރުމާއި، މިސްކިތަށް ވަންނަ ގޭޓު ބޮޑު ކުރުމާއި، މިސްކިތުގައި ކާޕެޓު އެޅުމާއި އޭސީ ހަރުކުރުން އަދި ކުލަލުމުގެ މަސައްކަތް މިހާރު އެވަނީ ކޮށްފައި ކަމަށެވެ.

އިމަގު ޖަމިއްޔާއިން ކުރި މަސައްކަތުގެ ތެރެއިން ނަސްރު މިސްކިތުގައި ވަނީ އަންހެނުންނަށް ހާއްސަކޮށްގެން ނަމާދު ކުރެވޭ ގޮތަށް ވަގުތީ ބައެއްވެސް ތައްޔާރު ކޮށްފައެވެ. މޫސާ ޢަލީ ވިދާޅުވީ އަންހެނުންނަށް ތައްޔާރުކޮށްފައިވާ ބަޔަކީ ރޯދަމަސް ނިމުމާއެކު ނަގާގޮތަށް ތައްޔާރު ކޮށްފައިވާ ބައެއް ކަމަށެވެ. މިސްކިތުގެ މަސައްކަތުގައި ބައިވެރިވެ މަސައްކަތް ކޮށްދީފައި ވަނީ އިމަގުޖަމިއްޔާއަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުންކަން ފާހަގަ ކުރައްވާ މޫސާ ޢަލީ ވިދާޅުވިގޮތުގައި މިއަހަރު މިސްކިއްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތަށް ގާތްގަނޑަކަށް 5 ލައްކަ އާއި 6 ލައްކަ ރުފިޔާއާއި ދެމެދުގެ އަދަދެއް ހަރަދުވެފައިވާ ކަމަށެވެ.

އިމަގު ޖަމިއްޔާއިން ނަސްރު މިސްކިތުގައި ކުރި މަސައްކަތުގެ އިތުރުން ތަޢުބާ މިސްކިތުގައި ކުރި މަސައްކަތް ތަކުގެ ތެރޭގައި އެ މިސްކިތުގެ ވަށާފާރުގައި ކުލަ ލުމާއި އިމާމަށް ހާއްސަކޮށް ފަންކާއެއް ބަހައްޓާފައި ވާއިރު، އަދި އެމިސްކިތުގެ ގޯތިތެރޭގައި އަތުރާފައިވާ ގާތަކުގައި ދަވާދު ލުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މޫސާ ޢަލީ ވިދާޅުވިއެވެ.

ނަސްރު މިސްކިތް އާބާތުރަ މަސައްކަތަށް ބަންދުކޮށްފައިވާއިރު، މިމަސައްކަތަށް ފަހު މާދަމާ މެންދުރު ނަމާދުން ފެށިގެން އަލުން ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

އިމަގު ޖަމިއްޔާއިން ރަމްޟާންމަހާ ދިމާކޮށް، މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ފަނޑު ހޯދުމަށް ހިންގި ހަރަކާތްތަކަށް އިހަވަންދޫ ރައްޔިތުންގެ ފަރާތުން ދެއްވި ފުރުހަމަ އެހީތެރިކަމަށް އިމަގު ޖަމިއްޔާގެ ފަރާތުން، ވަނީ އިހަވަންދޫ ރައްޔިތުންނަށް ވަރަށްބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި އެކިއެކި ފަރާތްތަކުން މިމަސައްކަތުގައި ވެދެއްވާފައިވާ އެހީތެރިކަން ފާހަގަ ކުރައްވާ  މޫސާ ޢަލީ ވަނީ އެފަރާތްތަކަށާއި ވިޔަފާރި ވެރިންނަށްވެސް އިމަގު ޖަމިއްޔާގެ ފަރާތުން ޝުކުރު އަދާކޮށްފައެވެ.