ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓުންނަށް ލިބުނު ކާމިޔާބީގެ އުފުލުގައި، ކެނޑިޑޭޓުންނާއި ކެނޑިޑޭޓުންގެ އާއިލާތަކުގެ ފަރާތުން އިހަވަންދޫގެ ރައްޔިތުންނަށްދޭ ޖަފަތެއް މިރޭ އިހަވަންދޫގައި އޮންނެކަމަށް މައުލޫމާތުލިބިއްޖެއެވެ. މައުލޫމަތު ލިބިފައިވާ ގޮތުގައި މިރޭ 20:30 ހުގައި ފެށުމަށް ހަމަޖެހިފައިވާ މިޖާފަތް އޮންނާނީ އިހަވަންދޫ އޯޕަން ސްޓޭޖް ސަރަހައްދުގައެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫ ރަށުކައުންސިލްގެ ހުރިހާ ގޮނޑިއެއް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ކެނޑިޑޭޓުން ކާމިޔާބު ކޮށްފައިވާއިރު އިހަވަންދޫ ދާއިރާއިން އަތޮޅުކައުންސިލަށް އިންތިހާބުވެފައިވަނީވެސް އެމްޑީޕީ ޓިކެޓްގައި ވާދަކުރި ކެނޑިޑޭޓެކެވެ. މިއީ އިހަވަންދޫ ކައުންސިލަށް އެއްޕާޓީއެއްގެ ކެނޑިޑޭޓުން އިންތިހާބުވި ފުރަތަމަ ފަހަރެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހާމަކޮށްފައިވަގޮތުގައި ނިމި ދިޔަ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރި ކެންޑިޑޭޓުން ހުވާކުރުން އޮންނާނީ އަންނަމަހު 3 ވަނަ ދުވަހުއެވެ.
ކައުންސިލު އިންތިހާބުގައި ސަރުކާރުގެ މައްޗަށް އިދިކޮޅު ފަރާތްތަކުން ބޮޑު ކާމިޔާބެއް ހޯދާފައިވާ އިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިދިކޮޅު ފަރާތްތަކުންދަނީ އެކަން ފާހަގަ ކުރަމުންނެވެ.