ހުރިހާ ޖަލްސާއަކަށް ހާޒިރުވެ ވަޑައިގަތް މެމްބަރު ތެރޭ މެމްބަރު މުޙައްމަދު ޢަބުދުﷲ ހިމެނިއްޖެ

މުޙައްމަދު އަކުރަމް

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ހުރިހާ ޖަލްސާތަކަށް ހާޒިރުވެ ވަޑައިގަތް މެމްބަރުންގެތެރޭ އިހަވަންދޫ ދާއިރާގެ އިތްޒަތްތެރި މެމްބަރު މުޙައްމަދު ޢަބުދުﷲ، ހިމެނިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި ބާއްވާފައި ވަނީ 14 ޖަލްސާއެވެ. އެ 14 ޖަލްސާއަށް ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 35 މެމްބަރެކެވެ. ބާކީ ތިއްބެވި 50 މެމްބަރުން އެއްވެސް ސަބަބެއް އެންގުމަކާނުލައި ޖަލްސާތަކަށް ވަޑައިނުގަންނަވައެވެ.

އެއްވެސް ސަބަބެއް އެންގުމަކާނުލައި ޖަލްސާތަކަށް ވަޑައިނުގަންނަވާނަމަ މަޖިލީހުން ބައްލަވަނީ އެއީ އެދުވަހުގެ ޖަލްސާއަށް ވަޑައިނުގަންނަވާ މެމްބަރެއްގެ ގޮތުގައެވެ. ނަމަވެސް މިގޮތަށް ޖަލްސާއަށް ވަޑައިނުގެންނަމަވެސް މެމްބަރުންގެ އެލަވަންސްތަކުން އެއްވެސް މިންވަރެއް އުނި ނުކުރާކަންވެސް ފާހަގަ ކުރެވެއެވެ.