Banner Image Description

އަތޮޅު ކައުންސިލް އިހަވަންދޫ ދާއިރާގެ ވަގުތީ ނަތީޖާ

ޢަބުދުﷲ ޙަމީދު

މިދިޔަ ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަން އިން އިޢުލާނު ކުރަމުން ދާއިރު، ހއ. އަތޮޅު ކައުންސިލް އިހަވަންދޫ ދާއިރާގެ ވަގުތީ ނަތީޖާޝީޓުތައް މިރޭގެ ވަގިތެއްގައި އެކޮމިޝަންގެ ވެބުސައިޓުގައި އިޢުލާނު ކޮށްފިއެވެ.

ހއ. އަތޮޅު ކައުންސިލް އިހަވަންދޫ ދާއިރާގެ 63 ނަތީޖާ ޝީޓުތަކުގެ ނަތީޖާތައް މިރޭ އިޢުލާނުކޮށްފައި ވާއިރު، އެންމެ ގިނަ ވޯޓު ހޯއްދަވައިގެން އެދާއިރާގެ އަތޮޅުކައުންސިލް ގޮނޑި ދިފާއުކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަބުދުﷲ ހުސައިންއެވެ. އަބުދުﷲ ހުސައިން 1621 ވޯޓް ހޯއްދަވާފައިވާއިރު އޭނާއާ ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓު، މުހައްމަދު އަރީބަށް ލިބިލައްވާފައިވަނީ 899  ވޯޓެވެ. އަބުދުﷲ ހުސައިނަކީ 2011 ވަނައަހަރުން ފެށިގެން އިހަވަންދޫ އަތޮޅުކައުންސިލް ގޮނޑި ދިފާއުކުރައްވަމުން އަންނަ ބޭފުޅެކެވެ. މިއީ އެބޭފުޅާ  އެގޮނޑިއަށް އިންތިހާބުވި ތިންވަނަ ފަހަރެވެ. 2014 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އަބުދުﷲ ހުސައިންއަށް ލިބުނީ 1309 ވޯޓެވެ. ނަމަވެސް މިހާތަނަށް ދައްކާ ވަގުތީ ނަތީޖައިން އެބޭފުޅާވަނީ 2014 ވަނައަހަރަށްވުރެ އިތުރަށް 307 ވޯޓް ހޯއްދަވާފައެވެ.

ހއ. އަތޮޅު ކައުންސިލް އިހަވަންދޫ ދާއިރާގެ 63 ނަތީޖާ ޝީޓުތަކުގެ ނަތީޖާތައް މިރޭ އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައި ވާއިރު، އިހަވަންދޫ ރަށުކައުންސިލްގެ 50 ނަތީޖާ ޝީޓުގެ ތެރެއިން މިހާތަނަށް އިޢުލާނު ކޮށްފައި ވަނީ 49 ނަތީޖާ ޝީޓެވެ. މިވަގުތަށް އިޢުލާނު ނުކޮށް ވަނީ ހއ. އަތޮޅު، މާލެ-2    ނަންބަރު ވޯޓު ފޮށީގެ ނަތީޖާ އެވެ. އެފޮއްޓަށް ވޯޓުލުމަށް ޖުމުލަ 295 މީހުން ވަނީ ރެޖިސްޓަރ ކޮށްފައެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ 8503 ނަތީޖާ ޝީޓުގެ ތެރެއިން މިވަގުތުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ވަނީ 8466 ނަތީޖާ ޝީޓޫ އިޢުލާނު ކޮށްފައެވެ.