ހއ އަތޮޅުގެ 5 ދާއިރައިން 4 ދާއިރާ އެމްޑީޕީއަށް

މުޙައްމަދު އަކުރަމް

މިދިޔަ ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުން، ހއ އަތޮޅުގެ 5 އިންތިހާބީ ދާއިރާގެ ތެރެއިން 4 އިންތިހާބީ ދާއިރާއިން ހއ އަތޮޅު ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ކެނޑިޑޭޓުން ހޮވިއްޖެއެވެ. ވަގުތީ ނަތީޖާއިން ދާއްކާގޮތުން ހއ އަތޮޅު ކައުންސިލަށް ޕީޕީއެމް ޓިކެޓްގައި ވާދަކުރި ކެނޑިޑޭޓޫންނަށް ކާމިޔާބުކުރެވުނީ އެންމެ ގޮނޑިއެކެވެ.

އެމްޑީޕީއިން ހއ އަތޮޅު ކައުސިލުން ކާމިޔާބު ކޮށްފައިވަނީ ހޯރަފުށި ދާއިރާ، އިހަވަންދޫ ދާއިރާ، ދިއްދޫ ދާއިރާ އަދި ބާރަށު ދާއިރާއެވެ. ޕީޕީއެމްއަށް ކުރިލިބިފައިވަނީ ކެލާ ދާއިރާއިންނެވެ. ހއ އަތޮޅުގައި 5 އިންތިހާބީ ދައިރާ އޮންނައިރު ކުރިން ބޭއްވި 2 ލޯކަލް ކައުންސިލް އިންތިހާބުގައިވެސް، ކޮންމެ އިންތިހާބީ ދާއިރާއަކުން 2 ކައުންސިލަރުންނާއި އެކު ޖުމްލަ 10 ކައުންސިލަރުން އަތޮޅު ކައުންސިލަށް އިންތިހާބު ކޮށްފައިވެއެވެ. ނަމަވެސް ޤާނޫނަށް ގެނެވުނު ބަދަލާއިއެކު މިފަހަރު އަތޮޅު ކައުންސިލަށް އިންތިހާބުކުރާނީ، އިންތިހާބީ ކޮންމެ ދާއިރާއަކުން 1 ކައުންސިލަރެވެ.

  1. ހޯރަފުށި ދާއިރާ

ހޯރަފުށީ ދާއިރާގެ ވަގުތީ ނަތީޖާއިން ދައްކާގޮތުން އެދާއިރާގެ އަތޮޅުކައުންސިލް ގޮނޑި ދިފާއުކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް ރަޝީދެވެ. އިބްރާހިމް ރަޝީދު 1234 ވޯޓް ހޯއްދަވާފައިވާއިރު އޭނާއާ ވާދަކުރި އަހުމަދު މައުރޫފަށް ލިބިލައްވާފައިވަނީ 1021 ވޯޓެވެ. އިބްރާހިމް ރަޝީދަކީ 2011 ވަނައަހަރުން ފެށިގެން ހޯރަފުށީގެ އަތޮޅުކައުންސިލް ގޮނޑި ދިފާއުކުރައްވަމުން އަންނަ ބޭފުޅެކެވެ. މިހިނގާ ދައުރުގައި ހއ އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަން ކުރައްވަމުންއަންނަ އިބްރާހިމް ރަޝީދު އެގޮނޑިއަށް އިންތިހަބުމިވީ ތިންވަނަ ދައުރަކަށެވެ. 2014 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އިބްރާހިމް ރާޝީދަށް ލިބުނީ 1215 ވޯޓެވެ. ނަމަވެސް މިހާތަނަށް ދައްކާ ވަގުތީ ނަތީޖައިން އެބޭފުޅާވަނީ 2014 ވަނައަހަރަށްވުރެ އިތުރަށް 19 ވޯޓް ހޯއްދަވާފައެވެ.

2014 ވަނައަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ހޯރަފުށީ ދާއިރާއިން އަތޮޅުކައުންސިލަށް އިންތިހާބުވެފައިވަނީ އެމްޑީއޭގެ ކައުންސިލަރަކާއި އެމްޑީޕީގެ ކައުންސިލަރެކެވެ. ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވަނީ އެމްޑީއޭގެ މުހައްމަދު އިސްމާއީލްކަން ފާހަގަކޮށްލެވެއެވެ.

  1. އިހަވަންދޫ ދާއިރާ

އިހަވަންދޫ ދާއިރާގެ ވަގުތީ ނަތީޖާއިން ދައްކާގޮތުން އެދާއިރާގެ އަތޮޅުކައުންސިލް ގޮނޑި ދިފާއުކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަބުދުﷲ ހުސައިންއެވެ. އަބުދުﷲ ހުސައިން 1616 ވޯޓް ހޯއްދަވާފައިވާއިރު އޭނާއާ ވާދަކުރި މުހައްމަދު އަރީބަށް ލިބިލައްވާފައިވަނީ 898  ވޯޓެވެ. އަބުދުﷲ ހުސައިނަކީ 2011 ވަނައަހަރުން ފެށިގެން އިހަވަންދޫ އަތޮޅުކައުންސިލް ގޮނޑި ދިފާއުކުރައްވަމުން އަންނަ ބޭފުޅެކެވެ. މިއީ އެބޭފުޅާ  އެގޮނޑިއަށް އިންތިހާބުވި ތިންވަނަ ފަހަރެވެ. 2014 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އަބުދުﷲ ހުސައިންއަށް ލިބުނީ 1309 ވޯޓެވެ. ނަމަވެސް މިހާތަނަށް ދައްކާ ވަގުތީ ނަތީޖައިން އެބޭފުޅާވަނީ 2014 ވަނައަހަރަށްވުރެ އިތުރަށް 307 ވޯޓް ހޯއްދަވާފައެވެ.

2014 ވަނައަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫ ދާއިރާއިން އަތޮޅުކައުންސިލަށް އިންތިހާބުވެފައިވަނީ އެމްޑާޕީގެ ދެކައުންސިލަރެކެވެ. ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވަނީ ޕީޕީއެމްގެ އެމްޕީ މުހައްމަދު އަބުދުﷲ ކަން ފަހަގަކުރެވެއެވެ.

  1. ބާރަށު ދާއިރާ

ބާރަށު ދާއިރާގެ ވަގުތީ ނަތީޖާއިން ދައްކާގޮތުން އެދާއިރާގެ އަތޮޅުކައުންސިލް ގޮނޑި ދިފާއުކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ޝަމީމެވެ. އަލީ ޝަމީމް 1230 ވޯޓް ހޯއްދަވާފައިވާއިރު އޭނާއާ ވާދަކުރި ހުސައިން ނަސީރަށް ލިބިލައްވާފައިވަނީ 1098  ވޯޓެވެ. އަލީ ޝަމީމް ފުރަތަމަ ބާރަށު ދާއިރަގެ ގޮނޑިއަށް އިންތިހާބުވީ 2014 ވަނަ އަހަރުއެވެ. ވީމާ މިއީ އެބޭފުޅާ  އެގޮނޑިއަށް އިންތިހާބުވި ދެވަނަ ފަހަރެވެ. 2014 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އަލީ ޝަމީމަށް ލިބުނީ 1209 ވޯޓެވެ. ނަމަވެސް މިހާތަނަށް ދައްކާ ވަގުތީ ނަތީޖައިން އެބޭފުޅާވަނީ 2014 ވަނައަހަރަށްވުރެ އިތުރަށް 21 ވޯޓް ހޯއްދަވާފައެވެ.

2014 ވަނައަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ބާރަށު ދާއިރާއިން އަތޮޅުކައުންސިލަށް އިންތިހާބުވެފައިވަނީ އެމްޑާޕީގެ ކައުންސިލަރަކާއި ޕީޕީއެމްގެ ކައުންސިލަރެކެވެ. ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވަނީ ޕީޕީއެމްގެ އެމްޕީ އިބްރާހިމް ސުޖާއުކަން ފަހަގަކުރެވެއެވެ.

މިފަހަރުގެ އިންތިހާބުން ނާކާމިޔާބުވި ހުސައިން ނަސީރަކީ ބާރަށު ދާއިރަގެ ގޮނޑިއަށް 2011 އަދި 2014 ވަނައަހަރުވެސް އިންތިހާބުވެފައިވާ ބޭފުޅެއްކަން ފަހަގަކުރެވެއެވެ.

  1. ދިއްދޫ ދާއިރާ

ދިއްދޫ ދާއިރާގެ ވަގުތީ ނަތީޖާއިން ދައްކާގޮތުން އެދާއިރާގެ އަތޮޅުކައުންސިލް ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަބުދުﷲ ސިރާޖްއެވެ. އަބުދުﷲ ސިރާޖަށް 1153 ވޯޓް ހޯއްދަވާފައިވާއިރު އޭނާއާ ވާދަކުރި އަޙުމަދު ޢަބްދުލްޤައްޔޫމަށް ލިބިލައްވާފައިވަނީ 788  ވޯޓެވެ. މިއީ އަބުދުﷲ ސިރާޖް ހއ އަތޮޅުކައުންސިލްގެ ގޮނޑިޔަކަށް އިންތިހާބުވި ފުރަތަމަ ފަހަރެވެ.

2014 ވަނައަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ދިއްދޫ ދާއިރާއިން އަތޮޅުކައުންސިލަށް އިންތިހާބުވެފައިވަނީ ޕީޕީއެމްގެ ދެ ކައުންސިލަރެކެވެ. ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވަނީ ޕީޕީއެމްގެ އެމްޕީ އަބުދުލްލަތީފް މުހައްމަދުކަން ފަހަގަކުރެވެއެވެ.

މިފަހަރުގެ އިންތިހާބުން ނާކާމިޔާބުވި އަޙުމަދު ޢަބްދުލްޤައްޔޫމަކީ ދިއްދޫ ދާއިރަގެ ގޮނޑިއަށް 2014 ވަނައަހަރު އިންތިހާބުވި ބޭފުޅެވެ. އެފަހަރު އެބޭފުޅާ އިންތިހާބުވީ 1002 ވޯޓް ހޯއްދަވައިގެންނެވެ.

  1. ކެލާ ދާއިރާ

ކެލާ ދާއިރާގެ ވަގުތީ ނަތީޖާއިން ދައްކާގޮތުން އެދާއިރާގެ އަތޮޅުކައުންސިލް ގޮނޑި ކާމިޔާބު ކޮށްފައިވަނީ ޕީޕީއެމްގެ ކެނޑިޑޭޓް އަބުދުﷲ އިންފާޒްއެވެ. އަބުދުﷲ އިންފާޒަށް 785 ވޯޓް ހޯއްދަވާފައިވާއިރު އޭނާއާ ވާދަކުރި އަޙުމަދު ރިޝްވާނަށް ލިބިލައްވާފައިވަނީ 765  ވޯޓެވެ. މިއީ އަބުދުﷲ އިންފާޒް ހއ އަތޮޅުކައުންސިލްގެ ގޮނޑިޔަކަށް އިންތިހާބުވި ފުރަތަމަ ފަހަރެވެ.

ފާހަގަކުރެވޭ ގޮތުގައި އަބުދުﷲ އިންފާޒަކީ 2014 ވަނައަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ކެލާ ރަށުކައުންސިލަށް އެމްޑީޕީ ޓިކެޓްގައި ވާދަކޮށް 488 ވޯޓައިއެކު އިންތިހާބުވެފައިވާ ބޭފުޅެކެވެ. ހިނގަމުންމިދާ ދައުރުގައި ހއ ކެލާ ކައުންސިލްގެ ރައީސަކީވެސް އެބޭފުޅާއެވެ.

2014 ވަނައަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ކެލާ ދާއިރާއިން އަތޮޅުކައުންސިލަށް އިންތިހާބުވެފައިވަނީ ޕީޕީއެމްގެ ކައުންސިލަރަކާއި އެމްޑީޕީގެ ކައުންސިލަރެކެވެ. ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވަނީ ޕީޕީއެމްގެ އެމްޕީ އަލީ އާރިފްއެވެ.

ފާހަގަކުރެވޭ ކަމަކީ ހއ އަތޮޅު ކައުންސިލަށް ހޮވިފައިވާ ގިނަ ބޭފުޅުންނަކީ ކުރިންވެސް އަތޮޅު ކައުންސިލަރުންގެ ގޮތުގައި ހަރަކާތެރިވެފައިވާ ފަރާތްތަކެއް ކަމެވެ. އެގޮތުން ހޯރަފުށީ ދާއިރާއިން އިންތިހާބުވި އިބްރާހިމް ރަޝީދު އާއި އިހަވަންދޫ ދާއިރާއިން އިންތިހާބުވި އަބުދުﷲ ހުސައިން އިންތިހާބުމިވީ ތިންވަނަ ދައުރަކަށެވެ. އަދި ބާރަށު ދާއިރާއިން އިންތިހާބުވި އަލީ ޝަމީމް ހއ އަތޮޅު ކައުންސިލަށް އިންތިހާބުވިމީ ދެވަނަ ދައުރަކަށެވެ. ދިއްދޫ ދާއިރާއިން އިންތިހާބުވި އަބުދުﷲ ސިރާޖް އަދި ކެލާ ދާއިރާއިން އިންތިހާބުވި އަބުދުﷲ އިންފާޒް ހއ އަތޮޅު ކައުންސިލަށް އިންތިހާބުވެފައިމިވަނީ މުޅިން އަލަށެވެ.

ހއ އަތޮޅު ކައުންސިލްގެ ބޮޑު މެޖޯރިޓީއެއް އެމްޑީޕީއަށް ލިބިފައިވާއިރު، ހއ އަތޮޅުގެ ހުރިހާ އިންތިހާބީ ދާއިރާއެއްގެވެސް މަޖިލިސް މެމްބަރުކަން ކުރައްވަމުންގެންދަވަނީ ޕީޕީއެމް އަދި އެމްޑީއޭއަށް ނިސްބަތްވާ ބޭފުޅުންކަން ފާހަގަކުރެވެއެވެ.