އިހަވަންދޫ އެމް.ޑީ.ޕީ ކެނޑިޑޭޓުން މެނިފެސްޓޯ ނެރެފި

ޢަބްދުލްމާނިޢު ޙުސައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫ ރަށު ކައުންސިލަށާއި އިހަވަންދޫ ދާއިރާއިން އަތޮޅު ކައުންސިލަށް ކުރިމަތިލާފައިވާ އެމް.ޑީ.ޕީ ކެނޑިޑޭޓުންގެ ފަރާތުން މެނިފެސްޓޯއެއް ނެރެފިއެވެ.

“ރަށަށްޓަކައި”ގެ ނަމުގައި މިއަދު ނެރުނު މެނިފެސްޓޯ ބިނާކޮށްފައި ވަނީ މައިގަނޑު 5 މައުޟޫޢެއްގެ މައްޗަށެވެ. އެއީ

– ހިތްހަމަޖެހުމާއި ހިތްފަސޭހަކަން ގެނެސްދިނުން

– ފިސާރި ވިދުން ގަދަ ޖީލެއް ބިނާކުރުން

– އިގުތިސާދަށް ދިރުން ދީ ވަރު ޖެއްސުން

– ތަފާތު ދައްކައި އިތުބާރު ހޯދުން

– އިހަވަންދިއްޕޮޅު އެކީއެކަށް ތެދުވެ އަތުގުޅާލުން

މެނިފެސްޓޯ މިއަދު ވަނީ “އިހަވަންދޫ އެމް.ޑީ.ޕީ” ފޭސް ބުކް ޕޭޗްގައި އާންމުކޮށްފައެވެ. އަދި މިއަދުން ފެށިގެން އިހަވަންދޫ ގޭބިސީތަކަށް މެނިފެސްޓޯ ފޮތް ދަނީ ބަހަމުންނެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި މާލޭގައި ދިރިއުޅޭ އިހަވަންދޫ ރައްޔިތުންނަށް މެނިފެސްޓޯ ބެހުމުގެ ހަރަކާތެއް މިއަދު ހަވީރު އޮންނާނެއެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވާ ލޯކަލް ކައުންސިލްގައި އިހަވަންދޫ ރަށު ކައުންސިލަށް އަދި އިހަވަންދޫ ދާއިރާއިން އަތޮޅު ކައުންސިލަށް ވާދަ ކުރާ ކެނޑިޑޭޓުންގެ ތެރެއިން އެމް.ޑީ.ޕީ ކެނޑިޑޭޓުން ފިޔަވައި އެހެން އެއްވެސް ކެނޑިޑޭޓަކު މެނިފެސްޓޯއެއް ނެރެފައި ނުވާކަން ފާހަގަވެއެވެ.

އެމް.ޑީ.ޕީ ކެނޑިޑޭޓުންގެ މެނިފެސްޓޯ ބެއްލެވުމަށް މިތަނަށް ކްލިކްކޮށްލައްވާށެވެ. އަދި ތިރީގައިވާ ލިންކުންވެސް މެނިފެސްޓޯ ބެއްލެވޭނެއެވެ.

https://drive.google.com/file/d/0B0N4CdLMypRGSVlWeElkWTJIYzA/view?usp=sharing