އިމަގު ޖަމިއްޔާގެ މަސައްކަތު ދުވަހުން ލައްކައަކަށްވުރެ ގިނަ ފައިސާ ހޯދައިފި

ޢަބުދުﷲ ޙަމީދު

ރަމަޟާން މަހައްޓަކައި އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު ޖަމިއްޔާ) އިން އިއްޔެ ބޭއްވި މަސައްކަތު ދުވަހުން ލައްކަ އަކަށްވުރެ ގިނަ ފައިސާ ހޯދައިފިއެވެ.

10 މީހުންގެ ގުރޫޕެއް ހަދައިގެން މިހަރަކާތުގައި ބައިވެރިވުމަށް އިމަގު ޖަމިއްޔާއިން ހުޅުވާލި ފުރުސަތުގައި ޖުމުލަ 10 ގުރޫޕެއް ބައިވެރިވެފައިވާ ކަމަށް އިމަގު ޖަމިއްޔާގެ ފޭސްބުކު ޕޭޖުގައިވަނީ ބުނެފައެވެ.

އިހަވަންދޫ ނަސްރު މިސްކިތް އޭސީ ކުރުމާއި، އެމިސްކިތުގައި ކާޕެޓު އެޅުން، ރަމަޟާން މަހު ދީނީ ނަސޭހަތް ދިނުމާއި މިސްކިތްތައް ޒީނަތްތެރި ކުރުންފަދަ ކަންތައްތަކަށް ހަރަދު ކުރުމަށްޓަކައި ފަންޑު ހޯދުމަށް އިމަގު ޖަމިއްޔާއިން ހިންގި ހަރަކާތުން ވަނީ ޖުމުލަ 117985 ރުފިޔާ 96 ލާރި ހޯދާފައެވެ. އިއްޔެގެ މަސައްކަތު ދުވަހުގެ ހަރަކާތުން 26561 ރުފިޔާ ހޯދައިގެން އެއްވަނަ ގުރޫޕަކަށް ހޮވިފައި ވަނީ ހއ. އިހަވަންދޫ ފެހިވިނަ އަލީ ނިޝާމްގެ ލީޑަރު ކަމުގައި ނުކުތް “ލާމަސީލް” ނަމަކަށް ކިޔުނު ގުރޫޕުންނެވެ.