ހާޝިމްގެ ކެމްޕެއިން ރަސްމީކޮށް ފަށައިފި

މުޙައްމަދު އަކުރަމް

ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި އިހަވަންދޫ ދާއިރާގެ ޓިކެޓަށް ވާދަކުރައްވާ، ހާޝިމް މުހައްމަދުގެ ކެމްޕެއިން ހަރަކާތްތައް ރަސްމީކޮށް ރޭފަށައިފިއެވެ.

ހާޝީމްގެ ކެމްޕެއިން ހަރަކާތްތައް ރަސްމީކޮށް  ފޭށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ފުރަތަމަ އޮތީ ނުރާނީގޭގައި ކެމްޕޭނަށް ތައްޔާރުކޮށްފައިވާ ޖަގަހަ ހުޅުވުމެވެ. އެއަށްފަހު ކެމްޕޭން ޓީމް އަދި  ސަޕޯޓަރުން ގެފަރާތުން ހަދިޔާކޮށްފައިވާ ކޭކެއް ފެޅުމަށްފަހު ސަޕޯޓަރުންނާއި މުހާތަބުކޮށް ހާޝިމްވަނީ ވާހަކަ ދައްކަވާފައެވެ.

ހާޝިމްގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ގިނަބަޔަކު ބައިވެރިވިއިރު، އިހަވަންދޫގެ ބައެއް ކައުންސިލަރުންގެ އިތުރުން އިހަވަންދޫގެ ސިޔާސީ މައިދާނުގެ އިސް ސަފުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން އެހަރަކާތުގައި ބައިވެރިވިއެވެ.

ހާޝިމްގެ އިތުރުން ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި އިހަވަންދޫ ދާއިރާގެ ޓިކެޓަށް ވާދަކުރަނީ، ކުރީގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)ގެ އިތުރުން ޕީޕީއެމް ޕީއެންސީ އިހަވަންދޫ ދާއިރާގެ ރައީސް އަހްމަދު ނަސީރުއެވެ. ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ. ޕީޕީއެމް ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި ޕްރައިމަރީގައި ވޯޓު ލެވޭނީ މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ދެ ޕާޓީން ކުރެ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.