ގޯލްޑެން ފުޓްސަލް ޗެލެންޖް 2024 ގައި ހއ އަތޮޅުން 12 ރަށެއް ބައިވެރިވެއްޖެ

މުޙައްމަދު އަކުރަމް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯރޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ހއ އަތޮޅުން 12 ޓީމެއް ބައިވެރިވެއްޖެއެވެ.

ހއ އަތޮޅުން މިމުބާރާތުގައި ބައިވެރިވެފައިވަނީ ހޯރަފުށި، ބާރަށް، ކެލާ، އިހަވަންދޫ، އުތީމް، ވަށަފަރު، މާރަންދޫ، މުރައިދޫ، ފިއްލަދޫ، ދިއްދޫ، ތަކަންދޫ އަދި ތުރާކުނެވެ. ހއ އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށެއް އޮންނައިރު މިމުބާރާތުގައި ބައިވެރިނުވަނީ މޮޅަދޫ އަދި އުލިގަމް އެކަންޏެވެ.

ހއ އަތޮޅު ބުރު ކުރިޔަށް ގެންދާނީ ޓީމްތައް 3 ގްރޫޕަކަށް ބަހާލައިގެންނެވެ. ހއ އަތޮޅު ބުރުގެ ގްރޫޕް ސްޓޭޖް މެޗްތައް އަންނަ ޖަނަވަރީ މަހުގެ 15 އިން 23 އަށް ކުރިޔަށް ގެންދާއިރު، ނޮކްއައުޓް ބުރުގެ މެޗްތައް ކުރިޔަށްދާނީ ޖަނަވަރީ 27 އިން 6 ފެބުރުއަރީއާ ހަމައަށެވެ.

އަށް ޒޯނަކަށް ބަހާލައިގެން ކުރިޔަށްގެންދާ މިމުބާރާތުގައި ހއ އަތޮޅު ހިމެނިފައިވަނީ ޒޯން 1 ގައެވެ. ޒޯން 1 ގައި ހއ އަތޮޅުގެ އިތުރުން ދެން ހިމެނެނީ ހދ އަތޮޅެވެ. ހދ އަތޮޅުން މިމުބާރާތުގައި 11 ޓީމެއް ބައިވެރިވެފައިވެއެވެ.

މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 102 ޓީމަކުން ބައިވެރިވެ ފައިވާއިރު 250 އަށްވުރެ ގިނަ މެޗު ކުޅެފައިވެއެވެ. ކުރިއަށްއޮތް މުބާރާތުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެވިގެންދާނެއެވެ.