Banner Image Description

ކަރަންޓު ކެނޑުނީ ބަޔަކު ގަސްތުގައި ހިންގި ޢަމަލެއްގެ ސަބަބުން: އިންޖީނުގެ

އިބްރާހިމް ނަޝީދު

މިދިޔަ ބުރާސްފަތި ދުވަހުގެރޭ އިހަވަންދޫގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑި، އެޚިދުމަތް އަލުން ނުދެވި ލަސްވީ ބަޔަކު ނުވަތަ މީހަކު ގަސްތުގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުންކަމަށް ބެލެވޭކަމަށް އަޕަރ ނޯތް ޔުޓިލިޓީސްގެ އިހަވަންދޫ ބްރާންޗުން (އިހަވަންދޫ އިންޖީނުގެއިން) ހާމަކޮށްފި އެވެ.

ކަރަންޓު ކެނޑުނު މައްސަލައާ ގުޅިގެން އިންޖީނުގޭގެ އެސިސްޓެންޓު މެނޭޖަރ އަލްފާޟިލް އަޙްމަދު ނަޝީދު ސޮއި ކުރައްވައި އިއްޔެ ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިކަމަކީ އެމުއައްސަސާއަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލުވާލައި ތަނުގެ މުޢައްޒަފުންނާމެދު ރައްޔިތުން ދެކޭގޮތް ބަދަލުކޮށް މުޢައްޒަފުންގެ އުއްމީދުތަކާ ކުޅެ މުރާލިކަން ނަގާލުމުގެ ބޭނުމުގައި ބަޔަކު ނުވަތަ މީހަކު ރާވައިގެން ހިންގާ ވަރަށް ދަށުދަރައިޖައިގެ ފިނޑި ޢަމަލެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެފަދަ ޢަމަލުތަކަކީ ރައްޔިތުންގެ އަގުބޮޑު އެތައް މުދަލަކަށް ބޮޑެތި ގެއްލުންވެ ދަތި އުނދަގޫތައް ދިމާވާނެ ކަމެއްކަމުން އެއަމަލު ކުރާބަޔަކު އެކަން ވަގުތުން ހުއްޓާލުމަށް އިންޖީނުގެއިން ކޮށްފައިވާ އިޢުލާނުގައި ނަސޭހަތްތެރިވެފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 8 ނޮވެމްބަރ ވީ ބުރާސްފަތި ދުވަހުގެރޭ 23:30 ހާއިރު އިހަވަންދޫގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑުނީ ގްރައުންޑުވުމާ ގުޅިގެންނެވެ. އަދި އެމައްސަލަ ހައްލުކޮށް ބައެއްގެތަކަށް ކަރަންޓުގެ ޚިދުމަތް އަލުން ލިބުނީ ކަރަންޓު ކެނޑުނުތާ ވިއްސަކަށް ގަޑިއިރުފަހުން ކަމަށް މައުލޫމާތު ލިބެއެވެ.