ކާއްޓޭ އަދި މަޓޭއާއި އެކު މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް އިތުރަށް ފޯރިގަދަކުރަނީ

މުޙައްމަދު އަކުރަމް

މިއަހަރުގެ މަސްވެރިންގެ ދުވަސް އަތޮޅު ފެންވަރުގައި އިހަވަންދޫ ގައި ފާހަގަ ކުރުމަށް ހއ. އިހަވަންދޫ ކައުންސިލާއި، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާ ގުޅިގެން ކުރިޔަށްގެންދާ ހަރަކާތްތައް އިތުރުރަށް ފޯރި ގަދަކުރުމުގެ ގޮތުން އިތުރު ހަރަކާތްތަކެއް ހިންގުމަށް ޝެޑިއުލްކޮށްފިއެވެ.

އެގޮތުން މާދަމާ ހަވީރު، މަސްވެރި އާއިލީ ހަވީރެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި އާއިލީ ހަވީރުގައި، މަޝްހޫރު ކޮމޭޑިއަން ކާއްޓޭ އަދި މަޓޭ ބައިވެރިވާއިރު ސަގާފީ ކުޅިވަރު ހަރކާތްތަކެއްގެ އިތުރުން ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަ ސްޓޭޖް ހަރަކާތްތަކެއް ކުރިޔަށް ގެންދާނެއެވެ. މީގެއިތުރުން މިއާއިލީ ހަވީރުގައި ކުޑަކުދިންނަށް ހާއްސަ ވޯޓަރ ސްލައިޑް ހަރަކާތް ކުރިޔަށް ގެންދިއުމަށް ނިންމާފައިވެއެވެ.

މާދަމާގެ ހަރަކާތްތައް ފެށިގެންދާނީ މެންދުރު ފަހު 14:30 ގައި ފަށާ މަސް ރޭހުންނެވެ. އެއަށްފަހު 16:00 ގައި މަސްވެރި އާއިލީ ހަވީރުގެ ހަރަކާތްތައް ކުރިޔަށް ދާއިރު މަސްރޭސް ނިންމުމުގެ ހަރަކާތް 20:00 ގައި ފަށާނެއެވެ.

މަސްރޭހުގައި 4 ރަށަކުން 13 ޓީމެއް ބައިވެރިވެފައިވެއެވެ.